"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި އޮތީ 3 ބިދޭސީ މީހެއްގެ ނަން ކަމަށާއި 10 ބިދޭސީއެއްގެ ނަން އޮތް ކަމަށް ދެކެވޭ ވާހަކައީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

10 ބިދޭސީންނަށް ގޯތި ލިބުނު ކަމަށް ބުނެ ދައުރުވަމުންދާ ލިސްޓު ހިމެނޭ ފޮޓެއް ޝެއާކޮށް އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ލިސްޓުގައިވާ 10 މީހުން ގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން ކަމަށެވެ. އަދި ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ.

ގޯތި ލިބުނު ފާރާތްތަކުގެ ވަގުތު ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު އަކްރަމް ވިދާޅުވީ ދާއިމީ ލިސްޓް ނެރޭނީ އެކަންކަން ބަލާ ރަނގަޅު ކުރުމަށް ފަހުގައި ކަމަށެވެ.

މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ރަށްވެހިކަން ހޯދާފައިވާ އިންޑިއާ މީހާގެ ނަން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އޮތުމުން އެކަމާ ސުވާލު ކުރުމުން އަކްރަމް ވިދާޅުވެފައި ވަޏި އެކަން އެހެން ދިމާވީ ޑީއެންއާރުގެ މައްސަލައަކުން ކަމަށާއި، އަންނަ މަހު ނެރޭ ދާއިމީ ލިސްޓުން އޭނާގެ ނަން އުނިކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް، އަންނަ މަހުގެ 15 ގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށްޓަކައި "ގެދޮރުވެރިން" ޕޯޓަލް އަށް ވަދެ ޝަކުވާ ހުށަހެޅޭނެ ގޮތް ޕްލޭނިން މިނިސްޓްރީން ވަނީ ހަދައިފައެވެ.

ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތު ހަމަވުމުން، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު މާ ގިނަ ދުވަސްތަކެއް ނުވެ ނެރޭނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. ޝަކުވާތައް ރިވިއު ކުރުމަށްފަހު ބިން ދޭނީ ކޮން ތަނަކުން ކަން ލިސްޓާ އެކު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.