މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ރަށްވެހިކަން ހޯދާފައިވާ އިންޑިއާ މީހާގެ ނަން "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އޮތީ ޑީއެންއާރުގެ މައްސަލައަކުން ކަމަށާއި، އަންނަ މަހު ނެރޭ ދާއިމީ ލިސްޓުން އޭނާގެ ނަން އުނިކުރާނެ ކަމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި މާލޭގައި ރަށްވެހިވެފައިވާ މާލެ އަށް އުފަން މީހުންނަށް ލިބޭ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ރާއްޖޭގެ ރަށްވެއްސަކަށްވި އިންޑިއާ މީހަކު އޮތް މައްސަލައެއް ހޫނުވެ، އެކަމުގެ ސަބަބުން އާންމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީން އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން:

  • ހަބީބް ރަހިމާން މުހައްމަދު ހަނީފާގެ ނަމުގައިވާ މި މީހާ އެކަނި ފޯމު ލައިގެން 62.25 މާކްސް ލިބިފައިވޭ
  • އޭނާ އަކީ ޝަރުތު ހަމަވާ މީހެއް ނަމަވެސް، ގޯތި ލިބުމުގެ ފުރުސަތު އޮތީ ޖޮއިންޓްވެގެން

އެނގިފައިވާ ގޮތުގައި، އޭނާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން މާލޭގައި އުޅޭ އިންޑިއާ ރައްޔިތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، 2019 ގައި ރަށްވެހިކަން ހޯދާފައިވާ ހަބީބްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކާއި ޕާސްޕޯޓެއް ވެސް އޮވެއެވެ. އޭނާ އަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

"ދަ ޕްރެސް" އިން މިކަމާ ގުޅިގެން ސުވާލުކުރުމުން، ބިންވެރިޔާ ސްކީމްގެ ކޮމިޓީގެ ޗެއާ ކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވީ، ފޯމުތަކުގައިވާ މައުލޫމާތުތައް ވެރިފައިކޮށް ލިސްޓު އެކުލަވާލުމުގައި ބެލީ ޑީއެންއާރުގެ ޑޭޓާބޭހަށް ކަމަށާއި، ނަމަވެސް އެ ޑޭޓާބޭހުން ބެލި ބެލުމުން ހަބީބަކީ އެހެން ގައުމެއްގައި ރެޖިސްޓްރީވެފައިވާ މީހެއް ކަން އޭރު ނޭނގޭ ކަމަށެވެ.

އެ ސަބަބާ ހެދި ހަބީބްގެ ނަން ވަގުތީ ލިސްޓުގައި ޝަރުތު ފުރިހަމަވާ މީހެއްގެ ގޮތުގައި އޮތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ޑީއެންއާރުގެ ސިސްޓަމްގަ އަޅުގަނޑުމެން ލިންކު ލިބިފަ މި އިނީ މާލެ ފިޔަވައި އެހެން ރަށެއްގަ ނުޖެހޭ މީހުން، ޖެހިފަ ތިބި މީހުން ދޭށޭ ބުނީމަ، މިހާރު އިންޑިއާ މީހެއް ވެއްޖިއްޔާ އެހެން ގައުމެއްގަތާ އޮންނާނީ ދެއްތޯ، އޭތި ޕިޗްނުކޮށް އެ އިނީ، އެހެންވީމަ އެ ހަމަ ރަނގަޅަށް އެ އިނީ ޖަހާފަ،"
އަކްރަމް ކަމާލުއްދީން | ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

"އެހެންވީމާ މީގެ ދަށުން މާލޭ ރައްޔިތަކަށް ނުވީމާ، ދާއިމީ ލިސްޓު ނުކުންނައިރު، އޭނަ އިންނާނީ ލިސްޓުން ޑިސްކޮލިފައިވެފަ، އެއީ އެކަން ވާނެ ގޮތަކީ،" ވަގުތީ ލިސްޓެއް އާންމުކުރުމުގެ ބޭނުމަކީ އެފަދަ ކަންކަން ދެނެގަނެ އެ ކަންކަން ރަނގަޅުކުރުން ކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ގޯސްކޮށް މިކަން ކުރީއޭ، އަޅުގަނޑުމެންނަށް އޮޅުމަކުން ކުރީއޭ، މިހެނެއް ބުނެގެނެއް ނުވާނެ ދެއްތޯ؟"

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް، އަންނަ މަހުގެ 15 ގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށްޓަކައި "ގެދޮރުވެރިން" ޕޯޓަލް އަށް ވަދެ ޝަކުވާ ހުށަހެޅޭނެ ގޮތް ޕްލޭނިން މިނިސްޓްރީން ވަނީ ހަދައިފައެވެ

އެ ސްކީމްގެ ދަށުން ސަރުކާރުން 5،000 ފަރާތަކަށް ގޯތި ދޭން ނިންމައި، އާންމުކުރި ވަގުތީ ލިސްޓާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑިސްކޮލިފައިވީ ފަރާތްތަކާއި ގޯތި ލިބޭ ފަރާތްތައް އެ ލިސްޓުގައި އާންމުކޮށްފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖުލައި 15 އަށް ފަހު، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު މާ ގިނަ ދުވަސްތަކެއް ނުވެ ނެރޭނެއެވެ. އޭރުން ބިން ދޭނީ ކޮން ތަނަކުން ކަން ލިސްޓާ އެކު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ވިދާޅެއްނުވިއެވެ.