ނ.މާފަރު އެއާޕޯޓުން ފެނުނީ ގެއްލުންދޭ ޖަނަވާރެއް ނޫން ކަމަށާއި އެއީ ބުޅަލެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މާފަރު އެއާޕޯޓް ކައިރިން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ރިޕޯޓް ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި އެ ވަގުތުން ފެށިގެން ސިފައިން އެ ސަރަހައްދު ބަލާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އޭތި ވަނީ ނުފެނިފައެވެ.
އެއާ އެކު އެ ޖަނަވާރު ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިއަދު ހެނދުނު ސިފައިންގެ ހަތިޔާރު އެޅި ޓީމެއް އެ ރަށަށް ގޮސް އިތުރަށް އެއާޕޯޓާއި ރަށުތެރެ ބަލާ ފާސްކުރަން ވަނީ ފަށާފައެވެ. އެ ރަށު ކައުންސިލުން ބުނީ މިހާތަނަށް ބެލިބެލުމުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައެއް ނުވާ ކަމަށެވެ. އަދި ދައުރުވަމުންދާ ވީޑިއޯ އެނެލައިޒް ކުރުމުން ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ، އިތުރު ސިފައިން މިއަދު މާފަރަށްގޮސް މާފަރު އެެއާޕޯޓް ސަރަހައްދު އެއްކޮށް ބަލާ ފާސްކޮށްފައިވާ ކަމަށާއި ބުޅާ ފިޔަވާ އިތުރު އެއްވެސް ޖަނަވާރެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އަދި "ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައި އިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއް" އެމްއެންޑީއެފްއިން ބުންޏެވެ.
އެ ޖަނަވާރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ މިނިކާވަގެއް ކަމަށެވެ. ހަތަރު މޮއްގަނޑު ޖަހައިގެން އެ ޖަނަވާރު ދާ މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ ވަރަށް ދުރުން ކަމުން އެ ސޮރުގެ ސިފަ ވަކި ކުރަން އުނދަގުލެވެ. ފެންނަ ފެނުމުން އެއީ މިނިކާވަގެކެވެ.
އެއީ މިނިކާވަގެއް ކަމަށް ބައެއް މީހުން ބުނި ކަމުގައި ވިޔަސް ރާއްޖެއަކީ މިނިކާވަގު ފަދަ ވަލު ޖަނަވާރު އުޅޭ ގައުމެއް ނޫން ކަމުން އެއީ މިނިކާވަގެއް ނަމަ އޭތި އައި ގޮތަކާ މެދު ސުވާލު އުފެދެއެވެ. މާފަރަކީ ގިމަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓަކަށް ވާއިރު އެއީ އެފަދަ ޖެޓަކުން އައިސް ދޫވެގެން އުޅޭ މިނިކާވަގެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.