ނ. މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް ފެނި އެ ހިފުމުގެ މަސައްކަތް ކުރުމަށް ސިފައިންގެ އިތުރު ފައުޖެއް ހަތިޔާރާއެކު އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މާފަރު އެއާޕޯޓް ކައިރިން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ރިޕޯޓް ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި އެ ވަގުތުން ފެށިގެން ސިފައިން އެ ސަރަހައްދު ބަލާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އޭތި ވަނީ ނުފެނިފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ އެ ރަށު އެއާޕޯޓު ސަރަހައްދުން މިނިކާވަގެއް ކަމަށް ބެލެވޭ ޖަނަވާރެއް ފެނިފައިވާތީ ހަތިޔާރާއެކު އެމްއެންޑީއެފްގެ އިތުރު ޓީމެއް އެ ރަަށަށް ގޮސް އެއާޕޯޓާއި ރަށުތެރެ ބެލުމުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ބުޅާ ފިޔަވާ އިތުރު ޖަނަވާރެއް އެ ސަރަހައްދުން ފެނިފައި ނުވާ ކަމަށްވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

އެ ޖަނަވާރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ މިނިކާވަގެއް ކަމަށެވެ. ހަތަރު މޮއްގަނޑު ޖަހައިގެން އެ ޖަނަވާރު ދާ މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ ވަރަށް ދުރުން ކަމުން އެ ސޮރުގެ ސިފަ ވަކި ކުރަން އުނދަގުލެވެ. ފެންނަ ފެނުމުން އެއީ މިނިކާވަގެކެވެ.

އެއީ މިނިކާވަގެއް ކަމަށް ބައެއް މީހުން ބުނި ކަމުގައި ވިޔަސް ރާއްޖެއަކީ މިނިކާވަގު ފަދަ ވަލު ޖަނަވާރު އުޅޭ ގައުމެއް ނޫން ކަމުން އެއީ މިނިކާވަގެއް ނަމަ އޭތި އައި ގޮތަކާ މެދު ސުވާލު އުފެދެއެވެ. މާފަރަކީ ގިމަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓަކަށް ވާއިރު އެއީ އެފަދަ ޖެޓަކުން އައިސް ދޫވެގެން އުޅޭ މިނިކާވަގެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.