މާލެ ރަށްވެހިންނަށް ގޯތި ދޫކުރާ ބިންވެރިޔާ ސްކީމްގެ އިއްޔެ އިއުލާން ކުރި ވަގުތީ ލިސްޓުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ގޯތި ލިބިފައިވާ ކަން ހާމަވެއްޖެއެވެ.
އިއްޔެ އާންމުކުރި ލިސްޓުގައިވާ ގޮތުން "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ދައްކާ ގޮތުގައި ޒިޔަތު އަށް ގޯތި ލިބިފައިވަނީ އޭނާ އެކަނި ފޯމު ލައިގެން، 68.8 ޕަސެންޓް މާކްސް ލިބިގެންނެވެ.
ޒިޔަތަށް ގޯތި ލިބޭކަން އިއުލާނު ކޮށްފައި ވާއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުވެސް އެ ލިސްޓުގައި ހިމެނެއެވެ. އަދީބާއި ޒިޔަތަކީވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ދެ ބޭފުޅުންނެވެ. އަދީބަށް ގޯތި ލިބިފައިވާ އިރު، އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އަމީން އެވެނިއުގައި ހުންނަ ފްލެޓެއްގައެވެ.
މީގެ އިތުރުން މަޖިލީހުގެ 10 މެންބަރަކަށް ވެސް ވަނީ ގޯތި ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަސް މެންބަރަކާއި، "ދަ ޑިމޮކްރެޓްސް"ގެ ހަތަރު މެންބަރަކާއި، އެމްއެންޕީގެ މެންބަރެކެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.
އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. އަދި ގޯތި ލިބުނު އެމްއެންޕީގެ މެންބަރަކީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.