ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް މިއަދު ހަވީރު 4 ގައި އިއުލާނު ކުރާނެއެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 35،861 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަށަވަރުވެގެން ދާއިރު އެ ފަރާތްތަކާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީގެ ކުރިން ވަނީ ދެއްވާފައެވެ.

ސްކީމްތަކަށް ފޯމް ހުށަހަޅާފައި ވާ އަދަދުތައް:

  • ބިންވެރިޔާ: 15،164 ފޯމް
  • ގެދޮރުވެރިޔާ (ތިން ކޮޓަރީގެ އެޕާޓްމަންޓް): 14،489 ފޯމް
  • ގެދޮރުވެރިޔާ (ދެ ކޮޓަރީގެ އެޕާޓްމަންޓް): 6،208

މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން މި ބުރުގައި 3،000 ގޯތި ދިނުމަށް ހަމަޖެހިފައިވާއިރު ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯތި އަދި ގުޅީފަޅުން 2،000 ގޯއްޗެވެ.

ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1،250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4،000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ވެއެވެ.

ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ.