ހައްޖުގެ އަޅުކަމަކީ ކޮންމެ މުސްލިމެއްގެ އުމުރުގައި މަދުވެގެން އެއްފަހަރު އަދާކުރުން ލާޒިމުކުރާ މުގައްދަސް އަޅުކަމެކެވެ. އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނުގައި ހިމެނޭ މި އަޅުކަމަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ދަތުރުކޮށް ކުރާ މަތިވެރި ޖިހާދެކެވެ.
އަމިއްލަ ނަފްސު ތޯހިރު ކޮށްދިނުމުގެ އިތުރުން ގިޔާމަތް ދުވަސް މަތިން ހަނދުމަކޮށްދޭ މި މަތިވެރި އަޅުކަމަކީ ﷲގެ ހަޟުރަތުގައި އެންމެންނަކީވެސް ހަމަހަމަ ބައެއްކަން ދައްކުވައިދޭ އަޅުކަމެކެވެ. އަރަފާތް (ހައްޖު) ދުވަހަކީ މާތްﷲ މަތިވެރި ކުރައްވާފައިވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.
އެގޮތުން އެދުވަހަކީ ﷲ ތައާލާ ދުއާ އިޖާބަ ކުރައްވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަކީ އެކަލާނގެ މިމަތިވެރި ދީން ފުރިހަމަ ކުރެއްވި ދުވަސްވެސް މެއެވެ. އަދި އެދުވަހަކީ ﷲ ތައާލާ މީސްތަކުންގެ ފާފަ ފުއްސަވައި ނަރަކައިން ދިންނަވާ ދުވަހެކެވެ. އެގޮތުން މިދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު އިތުރު ކުރުމަށްޓަކައި މި އަންނަނިވި ކަންތައް ކުރެވިދާނެއެވެ.
ތަކްބީރު ކިޔުން:
މިފަދަ މަތިވެރި ދުވަސްތަކެއްގައި ކުރެވޭނެ ސޯލިހު އަމަލުތަކުގެ ތެރޭގައި ﷲ ހަނދުމަކުރުމާއި ތަކްބީރު ކިޔުމާއި (لله أكبر) ތަހްލީލު ކިޔުމާއި (لَاإِلٰهَ إِلَّاٱلله) ތަސްބީހަ ކިޔުމާއި (سُـبْحانَ الله) އަދި ﷲގެ ހަޟުރަތައް ހަމްދުކުރުން (ٱلْحَمْدُ لِلَّٰهِ) ހިމެނެއެވެ.
ބަގަރާ ސޫރަތުގެ 203 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައި ވެއެވެ. ”އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް (ތަކުބީރު ކިޔައި) އުޅޭށެވެ!“
ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު މިސްކިތްތަކާއި ގެތަކާއި މަގުތަކާއި އަދި ޒިކުރުކުރުން ހުއްދަ ކޮންމެ ތަނެއްގައި އަޑުހަރުކޮށް ތަކުބީރު ކިޔުން އެދެވިގެންވެއެވެ. އަދި ސުންނަތް ގޮތަކީ ފިރިހެނުން އަޑުހަރުކޮށް ތަކުބީރު ކިޔުމެވެ. އަދި އަންހެނުން އަޑުއުފުލުމަކާ ނުލައި ތަކުބީރު ކިޔުމެވެވެ.
ކޮންމެ މީހަކުވެސް އެ މީހަކު އަމިއްލައަށް އަޑުހަރުކޮށް ތަކުބީރު ކިޔުން އެދެވިގެންވެއެވެ.
އަރަފާތު ދުވަހުގެ ރޯދަ ހިފުން:
ހައްޖު މަހުގެ ނުވަ ވަނަ ދުވަހު (އަރަފާތު ދުވަހު) ރޯދަ ހިފުމަކީ ހައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުންނަށް ސުންނަތެކެވެ. ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ. "އަރަފާތު ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެ ކަމަށ،ް ﷲ ގެ ހަޟުރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ."
އަރަފާތް ދުވަހު ކުރުން އެންމެ ރަނގަޅު ދުއާ:
މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ. ”އެންމެ ހެޔޮ ދުއާއަކީ އަރަފާތު ދުވަހު ކުރާ ދުއާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންވެސް އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުއާއަކ:ީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٍ މި ދުއާ" އެވެ.
ހައްޖުވެރިން އެދުވަހުގައި ގިނަގިނައިން ދުއާކުރުމަށް ސަމާލުކަން ދޭން ވާނެއެވެ. އަދި އެހެނިހެން މުސްލިމުން ވެސް އެދުވަހު ދުއާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން އެދެވިގެންވެއެވެ.
އުޟްހިޔާ ކަތިލުން:
އުޟްހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އުޟްހިޔާގެ ގޮތުގައި ކަތިލާ ނައަމްސޫފީގެ ބާވަތްތަކަކީ ޖަމަލެއް ނަމަ 5 އަހަރުގެ ޖަމަލެއް، ގެރިއެއް ނަމަ 2 އަހަރު، ބަކަރިއެއް ނަމަ އެއް އަހަރު އަދި ކަންބަޅިއެއް ނަމަ ހަމަހަށް ވުރެ ހަގުވެގެން ނުވާ ކަންބަޅިއެކެވެ.
އަދި ކަތިލާ ޖަނަވާރުތަކަކީ ހަދީޘްގައި ބަޔާން ކުރައްވާފައިވާ އައިބުތަކުން ސަލާމަތް ވެފައިވާ ޖަނަވާރު ތަކަކަށް ވާން ޖެހޭނެއެވެ.
އަރަފާތު ދުވަހަކީ އެދުވަހެއްގެ މަތިވެރިކަން ހޯދުމަށްޓަކައި ކޮންމެ މުސްލިމަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ދުވަހެކެވެ. އަދި އެ ދުވަހުގެ ދަރުމައާއި ސަވާބު ހޯދުމަށްޓަކައި ގިނައިން ދުއާކޮށް އަޅުކަމުގައި ހޭދަ ކުރުމަކީ އެ ދުވަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ކަން ކަށަވެރެވެ.