އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެންބަރުން ކަންކަން ކުރައްވަމުން ގެންދަވަނީ ރަސްމީ ޖަލްސާތަކުގައި ވިދާޅުވާ ގޮތަށް ނޫން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވީ މިއަދު ހަވީރު ޕީޕީއެމް، ޖޭޕީ، އެމްއެންޕީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސްއިން އީސީއިން ކަންކަން ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ވިދާޅުވީ އީސީގެ މެންބަރެއް ނުވަތަ މުވައްޒަފެއް ކޮށްލާ ފޯނު ކޯލަކުން ކަންކަން ނިމިގެން އަންނަ ކަމަށް "ދަ ޑިމޮކްރެޓްސް"އިން ގަބޫލު ނުކުރާ ކަމުގައެވެ. އަދި އީސީގެ ބައެއް މެންބަރުންނަކީ ރަސްމީ ޖަލްސާތަކުގަ ވަކި ގޮތަކަށް ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވެ އޭގެފަހުން އެހެން ގޮތް ގޮތަށް ކަންކަން ކުރައްވަމުންދާ ބޭފުޅުން ތަކެއް ކަމަށާއި އެހެން ފޯނު ކޯލެއް ކުރައްވާ އީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވާ އެއްޗަކަށް ބަރޯސާވެގެން ނުތިބެވޭނެ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް"އިން ގަބޫލު ކުރާ ކަމެއް ނޫން މިހާރު އެއީކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއް ނުވަތަ އެތާނގެ މުވައްޒަފެއް ކޮށްލާ ފޯނު ކޯލަކުން ކަންކަން ނިމިގެން އަންނަ ކަމަކަށެއް، މި ދަންނަވާ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންނަކީ ރަސްމީ ޖަލްސާތަކުގަ އަޅުގަނޑުމެން ކައިރި ވަކި ގޮތަކަށް ވިދާޅުވެފަ އޭގެފަހުން އެހެން ގޮތް ގޮތަށް ކަންކަން ކުރައްވަމުން ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅުން އެހެންމަ އަޅުގަނޑުމެންނަކަށެއް އެހެނެއް އަދި ފޯނު ކޯލެއްގަ އެތަނުގެ ސްކެޓްރީ ޖެނެރަލް ވިދާޅުވާ އެއްޗަކަށް ބަރޯސާވެގެން ނުތިބެވޭނެ"
ހަސަން ލަތީފް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހު ދެއްވާނެކަމަށް ބުނެފައިވީ ނަމަވެސް އެކަން އަދިވެސް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ އަދިވެސް މިއަދުގެ މިހާތަނަށް ވެސް އެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ. ގަބޫލު ކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަށް މި ހުއްދައިގެ ކަންކަމުގައި އަމަލުކުރަމުންދާކަން ކަމަށާއި ދަ ޑިމޮކްރެޓްސްގެ ހުއްދަ ދިނުމުގައި ގެންގުޅޭ ސްޓްރެޓަޖީއަކީ އެ ހުއްދަ ނުދީ ބާއްވައިގެން އިންތިހާބުގެ ކަންކަން ރައީސް ސޯލިހް އެކި އެކި ގޮތް ގޮތުން ކުރައްވަމުން ގެންދިއުންކަން ކަމަށް ހަސަން ވިދާޅުވިއެވެ.

އިތުބާރެއް އަޅުގަނޑުމެންގެ ނެތް އިލެކްޝަންސް ކޮމިޝަންއަކަށް މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރަކުއެއް
ހަސަން ލަތީފް

2 ހަފްތާ ތެރޭގައި ދަ ޑިމޮކްރެޓްސް އުފައްދަން ހުށަހެޅި ފޯމްތައް ބަލައި ނިމިފައިވާތީ 3 މަސް ދުވަސް ވަންދެން އެ ހުއްދަ ނުދީ ހިފެހެއްޓޭނެ އެއްވެސް ގަވައިދެއް ނޯންނާނެ ކަމަށާއި އެ ހުއްދަ ދިނުމަށް އަމުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަސަން އިތުރަށް ވިދާޅުވީ އީސީއިން އަންނަ އާދީއްތަ ދުވަހު އެ ހުއްދަ ދެވޭނެ ކަމަށް ބުނެފައިވާއިރު ހަގީގަތުގައި އެއީ އީސީގެ ނިންމުމަކަށްފަހު ދޭން ޖެހޭ ހުއްދައެއް ނޫން ކަމަށާއި އެއީ އިދާރީ ލިޔުމެއް ކަމަށެވެ. "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އީސީއަށް ހުށަހަޅާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު 3،560 ފޯމްއާއެކުއެވެ.