ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީ 31، އޭނާގެ އަޑުން ކިޔާފައިވާ ފުރަތަމަ ސޯލޯ ލަވަ އާންމުންނަށް ދޫކޮށްލާފިއެވެ.

ޔޫޓިއުބުން މިހާރު މި ލަވަ ބަލާލެވޭއިރު މި ލަވައިގެ ނަމަކީ "ސެކްސީ އިން މައި ޑްރެސް" އެވެ. މި ލަވަ ކިޔައި ޕްރޮޑިއުސްކޮށް ލަވައިގެ ފަރި ހަރަކާތްތައް ވެސް ކުރީ ނޯރާ އެވެ. މި ލަވައަކީ އިނގިރޭސި ބަހުން ކިޔާފައިވާ ލަވައެކެވެ. ކެނެޑާ އަށް އުފަން ބަތަލާ، މިހާރު ދިރިއުޅުން މުމްބާއީ އަށް ބަދަލުކޮށް ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނައިރު ނޯރާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައެވެ.

2018 ވަނަ އަހަރު ނެރުނު ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގައި ހިމެނުނު "ދިލްބަރު" ލަވައިން މަޝްހޫރުކަން ހޯދި ނޯރާ ވަނީ މިހާތަނަށް ގިނަ ލަވަތަކެއް އާންމުންނަށް ގެނެސްދީފައެވެ. އެ އަހަރު އީދު ޝޯ ތަކުގައި ރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކު ނެށި ލަވައަކަށް ވެގެންދިޔައީ ނޯރާގެ "ދިލްބަރު"އެވެ. ނިމިދިޔަ ވޯލްޑް ކަޕް ކްލޯޒިން ސެރަމަނީ ގައި ވެސް ނޯރާ އަށް ވަނީ ލަވަކިޔުމުގެ ފުރުސަތު ލިބިގެން ގޮއްސައެވެ.

ހުނަރުވެރި ނެށުންތެރިޔާ ވަނީ އޭނާގެ ހުނަރު މުޅި ދުނިޔެއަށް ދައްކާ އޭނާގެ ޖާދުގައި އެންމެން ޖައްސާފައެވެ. ނެށުންތެރިޔާ ނޯރާ ގެނެސްދީފައިވާ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ދިލްބަރު"، "އޮ ސާކީ ސާކީ"، "އޭކް ތޮ ކަމް ޒިންދަގާނީ"، "ކުސޫ ކުސޫ" އަދި "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމެނެއެވެ.