މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކުރައްވައި، ރާއްޖެ ޑިފޯލްޓު ނުވެ، ނަގާފައިވާ ހުރިހާ ލޯނަކަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މިއަދު ފެންނަނީ މުޅިން ވެސް އިސްލާހުކުރަން ޖެހޭ ކަންތައްތައް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

މި ހިސާބަށް ވާހަކަ ގެންދެވުމަށް ފަހު، ގާސިމް ވިދާޅުވީ، ރާއްޖެ އަށް ލިބޭ އާމްދަނީ ހެޔޮގޮތުގައި ބޭނުންކުރެވި، މަޝްރޫއުތަކަށް ހެޔޮ ގޮތުގައި ހަރަދުކުރެވެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ހެޔޮ އަގުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތައް ބޮޑު އަގުގައި ކުރިއަށް ގެންދިއުމުން ބޮޑެތި އަސަރުތައް ކުރާ ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުންގެ ފައިސާ އިން އެކަން މި ކުރަނީ، ދިވެހި ރައްޔިތުން އަތުގަ ފައިސާ ނެތުނީމަ ލޯނު ނަގައިގެން މިކަން ކުރަމުން މި ގެންދަނީ، އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ތިން އަހަރު ދުވަހު ތިން ވެރިކަމެއްގަ މިހާހިސާބަށް އައިއިރު އަޅުގަނޑު ދެކޭ ގޮތުގަ 40 އަކަށް މިލިއަން - 48 މިލިއަން ރުފިޔާ ބިލިއަން ރުފިޔާގެ ޑެފިސިޓެއް އައި ވާހަކަ އަޅުގަނޑުމެން މި ނޫސްތަކުން މި ދެކެނީ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ލަފާކުރެއްވި ގޮތުގައި، މިއަހަރު ނިމިގެން ދާއިރު ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިގެން ދާނެއެވެ.

"އަޅުގަނޑުމެން ޑިފޯލްޓު ނުވެ މި ފައިސާ ދެއްކޭނެ ގޮތަކީ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ، ކޮން ގޮތަކަށް ކިހިނެއް ހަދައިގެންތޯ، އަޅުގަނޑުމެންނަށް މި ފެންނަނީ ޓެކްސް ބޮޑުވަމުން އަންނަ މަންޒަރު ދުވަހަކުން ދުވަހެއް،"

ގާސިމް ވިދާޅުވީ، އާންމު ރައްޔިތަކަށް ލިބޭ އާމްދަނީ އަށް ވުރެ 40 ޕަސެންޓު އިތުރަށް ދައުލަތަށް ލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން އާންމުން ނިކަމެތިކަން އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކޮޅުން ދުނިޔޭގެ ތެލުގެ އަގު ބޮޑުވެގެން ހިނގައްޖެ، މިނިމަމް ވޭޖު ކަނޑައެޅިގެން ހިނގައްޖެ، ދެން މިހެން ގޮސް ހަމަ ރިހޭ ފައި މައްޗަށް ފޮއެ މި ވެއްޓެނީ، ދެން ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމާއި މި ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާ މިންވަރާއި، ފުއްދުންތެރިކަން ނެތް މިންވަރު މި ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން،" ގާސިމް ވިދާޅުވިއެވެ.