ހަނގުރާމަތަކާއި އެނޫންވެސް ލާއިންސާނީ އަނިޔާގައި ކުދަކުދިން މެރުން ކުށްވެރިކޮށް އެފަދަ ޖަރީމާތައް ހިންގާ މީހުން ހިމަނައިގެން ނެރޭ ޝޭމް ލިސްޓު އާންމު ކުރި އިރު ރަޝިއާ ހިމަނާ، އިޒްރޭލު ހިމަނާކަށް އދ އަކަށް ނުކެރުނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު އެކަނިވެސް އިޒްރޭލުން ފަަލސްތީނުގެ 40 ކުޑަކުއްޖަކު ޝަހީދު ކޮށްލިއެވެ.
އދ ގެ ލިސްޓަށް އިޒްރޭލު ލާން އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ތަކުރާރު ކޮށް ގޮވާލަމުން ދިޔަ އިރުވެސް އެ ޖަމްއިއްޔާއަށް އެކަން ކުރަން ނުކެރި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ، އިޒްރޭލުން ޝަހީދު ކުރި ކުޑަކުދިންގެ އަދަދުތައް މާނަވީ ގޮތެއްގައި ދަށްވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި އޮތް ފަަލަސްތީނުން ޝަހީދުވި ކުދިންގެ އަދަދު ފެނިވަޑައިގަތުމުން ކަންބޮޑުވެ ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
އދ ގެ މި ލިސްޓަށް އިޒްރޭލް ނުލުމުން އދ އާއި ސެކްރެޓަރީ ޖެނެރަލް އަށް ފާޑުކިޔުންތައް އަމާޒުވަމުން ދާއިރު، އދ އަށް ކަނޑައަަޅާފައި ހުންނަވާ ޕަލަސްތީނުގެ ސަފީރު ވިދާޅުވީ، އެ ލިސްޓުން އިޒްރޭލު އުނި ކުރުމަކީ ގުޓަރޭސް ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ފާއިތުވި އަހަރު ފަލަސްތީނާއި ޔޫކްރައިން އިން މަރުވި ކުދަކުދިންގެ އަދަދު 477 އަށް އަރައެވެ. އޭގެ ތެރެއިން 136 މަރަކީ ރަޝިއާ ފޯސްތަކުގެ ސީދާ ހަމަލާތަކުގައި މަރުވި ކުދިންނެވެ. ބާކީ ފަަލސްތީނުގެ 40 ކުދިން ނުލައި ދެން މަރުވި ކުދިންނަކީ މިސައިލް ހަމަލާތަކާއި އެނޫންވެސް އެފަދަ ހަމަލާތަކުގައި މަރުވި ކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ތެރެއިން 80 ކުއްޖަކު މަރުވުމުގައި ޔޫކްރައިންގެ ފޯސްތަކުން ދިން ރައްދު ހަމަލާތައް ވެސް ހިމެނޭ ކަމަށް އދ ގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މުޅި ރިޕޯޓުގެ ބޮޑުބައި ރަޝިއާ ކުއްވެރި ކުރުމަށް އަމާޒު ކޮށްފައި ވާ އިރު، އިތުރަށް ބުނެފައި ވަނީ ރަޝިއާގެ ފޯސްތަކާއި ރަޝިއާއަށް މަދަދުވެރިވާ ހަތިޔާރު އެޅި ގްރޫޕުތަކުން ޔޫކްރައިންގެ އެކި ސްކޫލުތަކަށް އަމާޒުކޮށް 480 ހަމަލާ ދީފައި ވާ ކަމަށެވެ. އަދި އިންސާނީ އައްޑަނައިގެ ގޮތުގައި 91 ކުއްޖަކު ރަޝީއާ ސިފައިން ބޭނުން ކުރިކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ހަމައެގޮތަށް ޔޫކްރައިންގެ ފޯސްތަކުން ރަޝިއާގެ އެކި ސަރަހައްދުތަކުގައި ހުންނަ ސްކޫލުތަކަށް އަމާޒުކޮށް 212 ހަމަލާއެއް ދީފައި ވާ ކަަން ފާހަގަ ކޮށްފައި އޮތަސް ޔޫކްރައިންވެސް "ޝޭމް" ލިސްޓަކަށް ނުލައެވެ.
އދ ގެ ޝޭމް ލިސްޓަށް މީގެ ކުރިންވެސް އިޒްރޭލު ލާފައެއް ނުވެއެވެ. އދ އަކީ ހަމަހަމަ ކަމަށް އިސްކަން ދޭ ތަނެއް ކަމަށް ބުނެ ޕްރޮމޯޓު ކުރިޔަސް އެތަނަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުުމުތަކުން ބޭނުންވާ ކަންކަން ފާސްކޮށް، ބޭނުން ނުވާ ކަންކަން ފާސްވިޔަ ނުދޭ ތަނެކެވެ. ހާއްސަކޮށް އިޒްރޭލު ކުށްވެރިވާ ގޮތަށް ފާސްކުރާ އެއްވެސް ގަރާރެއް އަދި ގާނޫނެއްވެސް ފާސްވިޔަކަ ނުދެއެވެ. އެކަން ކުރަނީ ވީޓޯ ބާރު ބޭނުން ކޮށްގެން އެމެރިކާއިންނެވެ.