އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ލޯފަން މީހުންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފެށުމުގެ ކުރިން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ދެ އިސްލާހެއް ގެނެސްފައެވެ. އެ ދެ އިސްލާހަކީ:

  • އެހީތެރިއެއް ނެތި ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތް ހެދުން
  • ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުން

ލޯފަން މީހުންނަށް އެހީތެރިއަކާ ނުލާ ވޯޓުލެވޭނެ ގޮތް ހެދުމަށް މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ފާސްވީ، ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެ ދެ އިސްލާހު ތަސްދީގުކުރެއްވުމުން، މިއަދުން ފެށިގެން ދެ އިސްލާހު ވެސް ގާނޫނަކަށްވެ، އެއަށް އަމަލުކުރުން ލާޒިމްވާނެއެވެ.

މިއަދު ތަސްދީގުކުރެވިގެން ދިޔަ އިސްލާހުގެ ސަބަބުން، ލޯފަން މީހުން ވޯޓުލާއިރު، އެ ކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމެއް ހަމަޖެއްސިފައި އޮންނަން ވާނެއެވެ. އޭގެ އިތުރުން ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓް ހުންނަން ޖެހޭނެ ގޮތާއި، އެ ބޭނުންކޮށްގެން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ގޮތް ވެސް އިސްލާހުގައިވެއެވެ.

ހަމަ އެއާއެކު ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓު ހުންނަން ވާނީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން، އެ ނުގުޑާނެ ފަދަ ގޮތަކަށް ކޮންމެ ކެންޑިޑޭޓެއްގެ ނަންބަރު އެނގޭނެ ފަދަ ގޮތަކަށް ޓެކްޓައިލްކޮށްފައި ކަމަށާއި، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ޓެމްޕްލޭޓުގައި ކެނޑުމެއް ހުންނަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

އެ އިސްލާހުގެ އިތުރުން، ދެން ތަސްދީގުކުރީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ.