ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ކަފާލާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޮރަޕްޝަންގެ ޝަރިއަތްކުރާ ހާއްސަ ކޯޓުން އިމްރާން ހާން އާއި ބުޝްރާ ބީބީގެ ކަފާލާތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޖުލައި 4، 2023 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި އިމްރާން ހާން ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފު ވެފައި ވާ 150 އަށް ވުރެ ގިނަ މައްސަލަ ބަލަމުން އަންނައިރު މިދިޔަ މަހުގެ 9 ވަނަ ދުވަހު އަސްކަރިއްޔާއިން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އިމްރާންހާން ހައްޔަރުކުރުމާ ގުޅިގެން އެ ގައުމުގެ އެކި ހިސާބުތަކުގައި އޭނާއަށް ތާއިދުކުރާ ފަރާތްތަކާ އަސްކަރިއްޔާ އާއި ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި މި ހަމަނުޖެހުންތަކުގައި 10 މީހަކު މަރުވެފައި ވާއިރު އަސްކަރިއްޔާ އާއި އާންމުންގެ މުދަލަށްވެސް ވަނި ގެއްލުންތައް ލިބިފައެވެ.

އިމްރާން ހާން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، މެއި 13 ވަނަ ދުވަހު އިމްރާން ހާން ހައި ކޯޓަށް ހާޒިރު ކުރުމުން ކަފާލާތުގެ ދަށުން ދެ ހަފްތާ އަށް ވަނީ ދޫކޮށްލާފައެވެ.

އިމްރާން ހާން ސިފަ ކުރެއްވި ގޮތުގައި އޭނާ ކުރު މުއްދަތަކަށް ހައްޔަރު ކުރުމަށް ފަހު ހިންގި ކަންކަމަކީ ސީދާ އޭނާއަށް އަމާޒު ކޮށްގެން އޭނާ ނައްތާލަން ކުރިއަށް ގެންދިޔަ ކަންތައްތަކެވެ. މީގެ އިތުރުން އޭނާ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އަދިވެސް އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.