ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާއަށް ހުއްދަދިނުމަށް އީސީއިން އީދުކުރިން ބައްދަލުވުމެއް ތާވަލްކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުވާދު "ދަ ޕްރެސް" އަށް ވިދާޅުވީ މިއަދު ހެނދުނު 10:30 ގައި ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން އެ ޖަލްސާއެއް ބޭއްވިފައި ނުވާ ކަމަށާއި އެ ޖަލްސާގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުންވެސް އެޖެންޑާކުރައްވާފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ޖަލްސާ އެހެން ދުވަހަކަށް ތާވަލުކޮށްފައި ނުވާ ކަމަށާއި މާދަމާ ނޫނީ، ކުރިއަށް އޮތް ހަފްތާ އެއްކޮށް ސަރުކާރު ބަންދުވުމާ ގުޅިގެން އޮތީ އެޖެންޑާ ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށާއި މެންބަރުންގެ ވާހަކަތައްވެސް ހުރީ އެޖެންޑާ ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެ ކޮމިޝަނުގެ 5 މެންބަރުންގެ ތެރެއިން ދެ މެންބަރުން ކަމަށްވާއިރު އެ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް އެ ކޮމިޝަނުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާގައެވެ.

ފުވާދު ވިދާޅުވީ ކޯރަމް ހަމަވަނީ 3 މެންބަރުން ހާޒިރުވުމުން ކަމަށެވެ.

ޑިމޮކްރެޓްސް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ހުރީ ނިމިފައި ކަމަށާއި އެހެންނަމަވެސް އެ ހުއްދަ ދޫކުރެވޭނީ އީސީގެ މެންބަރުންގެ އަގުލަބިއްޔަތުން އެ ހުއްދަ ދޭން ފެންނަކަމަށް ވިދާޅުވުމުން ކަމަށް ފުވާދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަށް މި ހުއްދަ ނުލިބިގެން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށް އެ ޕާޓީ އުފައްދަން އުޅޭ މެންބަރުން އަންނަނީ ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ.