އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޖަލްސާގެ ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރު ނުވުމާ ގުޅިގެން އެންމެ ފަހުން އެ ކޮމިޝަންގެ މަސައްކަތްތައް ވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.

ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް އެންމެ ފަހުން ބޭއްވި ޖަލްސާއަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ފާސް ނުވީ ކޮމިޝަންގެ ދެ މެންބަރުން އެކަމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.

މި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް އެކޮމިޝަނުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފައި ވާއިރު ޑރ. މުހައްމަދު ޒާހިރު މާލެއަކު ނެތެވެ. އިލެކްޝަން ކޮމިޝަންގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓާލި އިރު، 'ދަ ޑިމޮކްރެޓްސް' އުފެެއްދުމަށް ބޭނުންވާ ހުއްދަ ދިނުމުގެ ޖަލްސާ އޮތީ މިއަދަށް އެޖެންޑާ ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އީސީގެ މެންބަރު އަލީ ނަޝާތު ވިދާޅުވީ ކުރީގެ ޖަލްސާ އާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ނިކުމެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ފުވާދު ތައުފީގު ރިޔާސަތުގެ ދަށުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރި ނުވާނެކަން އީސީއަށް އަންގާފައިވާނެ ކަމަށެވެ. މީގެ އިތުރުން ނަޝާތު ވިދާޅުވީ ކޮމިޝަންގެ ތެރޭގައި ނިންމި ނިންމުމެއް މެންބަރުން ބަދުނާމުވާ ގޮތަށް ރައީސް އެވާހަކަ ދެއްކެވުމުން ކޮމިޝަނުގެ ރައީސްއަށް އިތުބާރު ނެތްކަމަށެވެ.

އިލެކްޝަން ކޮމިޝަންގައި ފަސް މެންބަރުން ތިއްބަވާއިރު، ޖަލްސާއެއް ބޭއްވެނީ ތިން މެންބަރުން ހަމަވުމުންނެވެ.