ސްޓެލްކޯއިން މިއަހަރު ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ސްޓެލްކޯގެ 26 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ މިއަހަރު ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަށް ވާސިލްވެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އަމާޒަކީ ކޮންމެ މަހެއްގައި ރައްޔިތުންނަށް ބިލް ހަވާލު ކުރުމުން ކުރެވޭ ތުހުމަތަށް ހައްލެއް ހޯދުން ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޭބިސީތަކުގައި ހަރުކުރާ ސްމާޓް މީޓަރު ބޭނުންކޮށްގެން ކޮންމެ ކަސްޓަމާއަކަށް އެ ކަސްޓަމާއެއްގެ ގެއިން ކޮންމެ ދުވަހަކު ބޭނުން ކުރާ ކަރަންޓުގެ މިންވަރު އަދި ކޮންމެ މަހެއްގަ ކަަރަންޓު ބޭނުން ކުރެވޭ މިންވަރު އެނގިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއް މަހުން އަނެއް މަހަށް މައްޗަށްދާ ނުވަތަ ދަށަށްދާ މިންވަރު އެ މީޓަރު ބޭނުންކޮށްގެން ބެލުމުގެ އިތުރުން އެހެން އަހަރުތަކުގެ އެ މަހުގައި ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު އެނގޭވަރު ސޮފްޓްވެއާއެއް އަދި ވަސީލަތެއް ގާއިމް ކުރާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެވްރެޖްކޮށް ކަރަންޓު ހަރަދުވެދާނެ މިންވަރު ކަނޑައަޅައި އެ މިންވަރަށްވުރެ މައްޗަށް ދާނަމަ ކަސްޓަމާއަށް އެކަން އެންގުމަށް މެސެޖެއް ފޮނުވުމުގެ ވަސީލަތްތައް ގާއިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ބޭނުންކޮށްފައިނުވާ ކަރަންޓަށް ބިލް ނުކުރާނެކަން ފާހަގަ ކުރައްވާ ޝަރީފްވަނީ މިހާތަނަށް ބޭނުން ނުކުރާ ކަރަންޓަށް ބިލްކޮށްފަ ނުވާނެ ކަމަށާއި އަދި ކުރިމަގުގައިވެސް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯއަކީ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ އެއް ފެންވަރަށް ކަރަންޓުގެ ހިދުމަތް ދޭނެ ކުންފުންޏެއް އަދި ވުޖޫދުގައި ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެ ކުންފުންޏަކީ ކަރަންޓުގެ ހިދުމަތް ދޭން އުފެއްދި ކުންފުންޏެއް ނަމަވެސް މިހާރު އެ ކުންފުނީގެ ހިދުމަތް ފުޅާވެ ފެނާ ނަރުދަމާގެ ހިދުމަތް ދެމުންދާކަން ޝަރީފް ފާހަގަކުރެއްވާ އެ ހިދުމަތްތައް ދޭ އެހެން ކުންފުނިތަކާ އެއްފެންވަރެއްގެ ހިދުމަތެއް ސްޓެލްކޯއިން ދެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.