ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން 'ފްލައިނާސް' އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 8:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވާއިރު، އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓް އެއް ވަނީ ދީފައެވެ.

ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް، ސައުދިއަރަބިއްޔާ އިން ރާއްޖެއަށް ކަޑައަޅާފައި ވާ ސަފީރު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މަހްޖޫބު ޝުޖާއު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ފްލައިނާސްގެ ސޭލްސް ވައިސް ޕްރެޒިޑެންޓް އަދި ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސައުދީ މާކެޓަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ވެސް ފްލައިނާސްގެ އިތުރުން އެހެން އެއާލައިން ތަކުން ދަތުރުތައް ކުރުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އޭގެ ސަބަބުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ފްލައިނާސް ސޭލްސްގެ ނައިބު ރައީސް، އަލެއިޑީ އަބްދުލެލައް ސުލައިމާން ވިދާޅުވީ ދިވެހިރާއްޖެއަށް ފްލައިނާސްގެ ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިން އިން ހިންގަމުން އަންނަ އެކްސްޕޭންޝަން ޕްލޭން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފްލައިނާސް އެއާލައިން ރާއްޖޭގެ މާކެޓަށް ތައާރަފް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ކުރާނެއެވެ.

ހޫނު މޫސުމާ ދިމާކޮށް ފްލައިނާސް އިން ރާއްޖެއަށް ފެށި މި ދަތުރުތައް އޮކްޓޯބަރު މަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ފްލައިނާސް އިން ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ރާވާފައެވެ. މި ގޮތުން އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ މި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުން ކުރާނީ 170 މީހުންގެ ޖާގައިގެ އެއާބަސް 320 ނިއޯ އެވެ. ފްލައިނާސް އިން ދުބާއީ، އިސްތަންބޫލް އަދި ދޯހާ ގެ އިތުރުން ދުނިޔޭގެ މަގުބޫލް 38 މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެއެވެ.

އެމެރިކާގެ ވާޖިން އެޓްލާންޓިކް އެއާލައިން އިންވެސް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

2007 ވަނަ އަހަރު ފްލައިނާސް އުފެދުނީއްސުރެ އެ ކުންފުނިން ވަނީ 60 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައެވެ. މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިންގެ ސްކައިޓްރެކްސް އެވޯޑް ޖެހިޖެހިގެން ފަސް އަހަރު (2017، 2018، 2019 އަދި 2021) ފްލައިނާސް އަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ފްލައިނާސް ވަނީ ދުނިޔޭގެ ފެންވަރުގައި އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި ފޯރަމް ކަމަށްވާ ސްކައިޓްރެކްސްގެ ދުނިޔޭގެ އެންމެ އަގުހެޔޮ 10 އެއާލައިންގެ ތެރޭގައި ހިމެނިފައެވެ.