ކުރިމަތިވަމުން އަންނަ މިއަހަރުގެ ބޮޑު އީދުގައި އައްޑޫ އަތޮޅު ޝޯ އަށް، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ގެންނަން ނިންމައިފިއެވެ.
ސޮނީ ޓީވީ އިން ގެނެސްދިން ސުޕަ ސްޓާ ސިންގާ ގެ އެއްވަނަ ކާމިޔާބުކުރި ފައިޒް ވަނީ މިދިޔަ އަހަރު، ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ، އުއްޗުގެ އުފަންދުވަހަށް ރާއްޖެ އައިސް ޝޯ އެއް ދީފައެވެ. އައްޑޫ ގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ފޯރިގަދަ ޝޯ އެއް ބާއްވަން ނިންމާފައިވާއިރު މި އަހަރުގެ ޝޯގައި ރާއްޖޭގެ ކުޅަދާނަ މިއުޒީޝަނުން ބައިވެރިވާނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޝޯގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ލަވަކިޔުންތެރިޔާ ފައިޒް މިއަހަރު ބައިވެރިވާނެކަމަށެވެ. ފައިޒްގެ އިތުރުން މިއަހަރު އައްޑޫގައި ޝޯ ދޭން ދާނެ ބައެއް ފަންނާނުންނަކީ މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ވިދާލި އަޒްލީފާ، އައިޑަލް ސީޒަން ތިނަކުން ވިދާލި ޝަމްވީލް (ބަރޯ) އަދި މެޒޯ މޯޑެވެ. މި ޝޯ އޮންނާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 20:00 ގައި ހިތަދޫ ސްޓޭޖް އޭރިއާގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު އެކި ރަށްރަށުގެ ސްޓޭޖްތައް ފަޅުފިލުވައިލުމަށް ރާއްޖޭގެ ނަން މަޝްހޫރު ގްރޫޕުތައް އެކި ދިމަދިމާއަށް ދާނެއެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި ފެހުމާއި، ކޮސްޓިއުމްސް ޑިޒައިންކުރުމުގެ އިތުރުން ނެށުމުގެ ގޮތުން ވެސް އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރި ޖާދުﷲ އިސްމާއިލް (ޖާދު)ގެ ނަށާ ދެ ޓިމަކުން ވެސް ރާއްޖޭގެ އެކި ރަށްރަށަށް ޝޯ ދޭން ނިންމާފައިވާއިރު "ޔާރާ" ގްރޫޕުން ވެސް މިފަހަރު ޝޯ ދޭން އެކި ރަށްރަށަށް ދިޔުމަށްވަނީ ހަމަޖެހިފައެވެ.