މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހު ގްރީސް ކަނޑަށް ބަންޑުން ޖަހާލި ބޯޓުގައި ތިބީ ގިނައިން ޕާކިސްތާންގެ މީހުން ކަމަށް ބެލެވިގެން، އެ ހާދިސާގެ ހާއްސަ ތަހުގީގެއް ހިންގަން ޕާކިސްތާން ސަރުކާރުން ފަށައިފިއެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، އެ ބޯޓަށް ޕާކިސްތާނުން މީހުން އެރުމުގައި އުޅުނު ތުހުމަތުވާ 10 މީހަކު ދެގެނަނެވިފައި ވާ ކަމަށާއި އެކަމުގައި ބައިވެރިވާ ހުރިހާ އެންމެން ހޯދާ ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

އިންސާނީ ވަގުފާރީގެ އެޖެންޓުން ގިނަ ބަޔަކު އެބޯޓަށް އަރުވާފައި ވާ އިރު ބައެއް މަސްދަރުތަކުން ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭގައި ޕާކިސްތާންގެ 298 މީހަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން 135 މީހަކީ ޕާކިސްތާންގެ ކަޝްމީރު ސަރަހައްދަށް ނިސްބަތްވާ މީހުންކަން ދެނެގަނެވިފައި ވާ ކަމަށެވެ.

ބޯޓުގެ ވަތް ތަކާއި އެތެރެ އަދި ގެގަނޑުގެ މަތިވެސް ފުރެންދެއް މީހުން އަރުވައިގެން އިޓަލީއަށް ދާން ދިޔަ ބޯޓު އިންޖީނު ހުއްޓި ގްރީސްގެ ކަނޑަށް ބަންޑުން ޖަހާލީ އިންޖީނު ހުއްޓުމާއެކު ބޯޓުގައި ތިބި މީހުން ކޮޅުކޮޅު މައްޗަށް ދާން ފެށުމުން ބޯޓުގެ ބެލެންސް ގެއްލި އަރިއަޅާލައިގެންނެވެ.

މި ބޯޓުގައި ސީރިއާ، މިސްރު މީހުންވެސް ތިބި އިރު، މި އެންމެންނަކީވެސް އެބަޔަކު ނިސްބަތްވާ ގައުމުތަކުގައި ދިމާވެފައިވާ ދިރިއުޅުމުގެ ދަތި ހާލަތުން މިންޖުވެ ރަނގަޅު ގޮތެއް ހޯދުމަށް ކުރި ދަތުރު، ކަނޑުވެގެން ނިމުނު އިރު، މި ބޯޓު ގްރީސްގެ ކަނޑުން ފެނި އެހީނުވި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މި ބޯޓުގައި އެކަށީގެންވާ ވަރަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަނިކޮށް ގްރީސްގެ ކޯސްޓްގާޑަށް ފެނިގެން ބޯޓާ މުއާމަލާތުކޮށްފައި ވާ އިރު، ބޯޓުގެ ފަޅުވެރިން އެހީތެރިކަން ބޭނުން ނުވި ކަމަށް ކޯސްޓްގާޑުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އަދި އިންޖީނު ހުއްޓިގެން އަޑިއަށް ދިޔުމުގެ ކުރިން، އެހެން އުޅަނދަކުން އެ ބޯޓާ ގާތްކޮށް ކަފުޖަހަން މަސައްކަތް ވެސް ކުރި ކަމަށާއި އެ ވާ ވެސް މޮހާލީ ބޯޓުގައި ތިބި ފަޅުވެރިން އެކަމަށް އިންކާރުކޮށް، ކަފުޖަހައިގެން ދާ ނަމަ ބޯޓު ބަންޑުން ޖަހާލުމުގެ ފުރުސަތު މާ ބޮޑުވާނެ ކަމަށް ބުނުމުން ކަމަށް ވެސް ރިޕޯޓް ތައް ބުނެއެވެ. މީގެ އިތުރުން އެ ބޯޓަށް ކަނޑުމަތިން އިތުރު އެހެން 2 ބޯޓަކުން އެހީތެރިކަން ފޯރުކޮށްދީ، ބައެއް ކާނާ އާއި ބޯފެންވެސް އަރުވައިދިން ކަމަށް ހަބަރުތައް ބުނެއެވެ.