ގްރީސްގެ ދެކުނު ކަނޑަށް ބަންޑުން ޖަހާލި ބޯޓުގައި 750 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި 100 އެތައް އަންހެނަކާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓު ކޮށްފިއެވެ.

މުޅި ޔޫރަޕްގައި ވެސް ހިނގި ބޯޑު ބަންޑުންޖެހުމުގެ އެންމެ ހިތާމަވެރި ހާދިސާގައި މިހާތަނަށް 78 މީހަކު މަރުވެފައި ވާކަން ޔަގީން ކުރެވިފައި ވާ އިރު އެތައް ބަޔަކު ވަނީ ސަލާމަތް ވެސް ކުރެވިފައެވެ. ނަމަވެސް އަދި ވެސް ނުފެންނަ މީހުން ކަނޑުގައި ވެއްޖެ ކަމަށާއި، ބޯޓަށް މީހުން އަރާ ބަރާވެފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކަށޤ ސަލާމަތް ވުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށް އެ ހާދިސާގައި ސަލާމާތް ވި މީހަކާ ހަވާލާދީ ރިޕޯޓް ކޮށްފައި ވެެއެވެ. އަދި ބޯޓުގެ އެންމެ އަޑީގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ތިބި ކަމަށާއި ބަންޑުން ޖަހާލި އިރު އެމީހުން ތިބީ އެތާނގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީހުން ހޯދުމަށް ފުޅާ އޮޕަރޭޝަނެއް ހިންގަމުން ދާއިރު އޮފިޝަލުން ލަފާ ކުރަނީ މަރުވި މީހުންގެ އަދަދު 600 އާ ގާތް ކުރާނެ ކަމަށެވެ.

އ ހާދިސާގައި ސަލާމަތް ވި ބައެއް މީހުންނަށް ފަރުވާ ދިން ބައެއް ޑޮކްޓަރުން ބުނީ، ބޯޓުގައި ތިބި ގިނަ މީހުން ތިބީ، އެގޮތަށް ތިބުމުގެ ސަބަބުން ބުނަވަ ކަނޑުވުމުގެ ސަބަބަުން، ހަށިގަނޑުގެ ފިނިހޫނުނިމަށް ބަދަލު އައުމާއެކު، ފެން މަދުވެ އަދި ނިއުމޯނިއާ ޖެހިފައި ކަމަށެވެ.

މި ބޯޓުން ޕާކިސްތާނާއި މިސްރު ފަދަ ގައުމުތަކަށް ނިސްބަތް ވާ މީހުން ދަތުރު ކުރި ކަމަށާއި، އެހާ ގިނަ އަދަދެއްގެ ބަޔަކު ކުޑަ ބޯޓަކަށް އެރި އިރު އިދާރާތަކުން އަޅާނުލި މައްސަލަ މިހާރު ބޮޑުވެފައި ވާ އިރު ގްރީސް އިން ބުނެފައި ވަނީ އެގައުުމުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދޭން އެދުމުން ބޯޓުން އެގޮތް ބޭނުން ނުވީ ކަމަށެވެ. އަދި ބޯޓުން ބުނަމުން ދިޔައީ އެމީހުން ދަތުރު ކުރަމުން ދަނީ އިޓަލީ އަށް ކަމަށާއި އެ ބޯޓަށް ކަނޑުމަތިން، މޯލްޓާގެ ބޯޓަކުން ކާނާ އާއި ބޯފެންވެސް ފޯރުކޮށް ދިން ކަމަށެވެ. އަދި އިތުރު އެހެން ބޯޓަކުންވެސް ބަނޑުންޖަހާލި ބޯޓަށް ފެން އަރުވައިދިން ކަމަށް ވެސް ގްރީސްގެ ކޯސްޓްގާޑު އޮފިޝަލުން ބުނެއެވެ.

އޭގެ އަނެއް ދުވަހު، ބޯޓުން މީހަކު ގުޅާ އިންޖީނު ހުއްޓިއްޖެ ކަމަށް ބުނި ކަމަށާއި، އެހެން ބުނިތާ 10-15 ވަރަކަށް މިނެޓްގެ ތެރޭގައި ބޯޓު އަޑިއަށް ދިޔައީ ކަމަށް ވެސް ގްރީސް އިން ބުނެއެވެ.

ކޯސްޓްގާޑުގެ އޮފިޝަލަކު ވިދާޅުވީ، ބޯޓު ބްނޑުން ޖަހާލަން މެދުވެރިވީ އިންޖީނު ހުއްޓުމާއެކު މީހުންގަނޑު ކޮޅުކޮޅު މައްޗަށް ދާން ފެށުމުން އަރިއަޅާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ކަނޑުމަތީގެ އެފަދަ ހާދިސާތަކަށް ހާއްސަ ކޮށްފައި ވާ ހޮޓްލައިން ނުވަތަ ހެލްޕް ލައިން އަށް ކޯލެއް ލިބުނު ކަމަށާއި އެއީ، ބޯޑު ބަނޑުން ޖަހާލި ދުވަހުގެ ކުރީ ދުވަސް [އަންގާރަ] ދުވަހު ގްރީސްގެ ކޯސްޓްގާޑުން އެ ބޯޓާ ގުޅިތާ ބަރާބަރު 1 ގަޑިއިރު ފަސް ކަމަށެވެ.

އޭގެ ފަހުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވާ ބޯޓެއް، އެ ބޯޓާ ކައިރި ކުރި ކަމަށާއި އިންޖީނު ހުއްޓިފައި އޮތް ވަގުތު ކަފު ޖެހި ކަމަށެވެ. ނަމަވެސް އެއީ އެފަދަ ކަނޑެއްގައި ގިނަ ބަޔަކު އަރާ ތިބި ބޯޓު މާ ފަސޭހައިން ބަނޑުން ޖަހާލަފާނެ ހާލަތެއް ކަމުން ވާ މޮހާލައި އެ ބޯޓު ދިޔަ ކަމަށެވެ.

750 މީހުން އަރުވައިގެން ދިޔަ ބޯޓު އިންޖީނު ހުއްޓި ކަނޑުމަތީގައި

ހެލްޕް ލައިންގެ އޮފަރޭޓަރަކަށް އިން ސޯފީ ބުނީ، އެ ކޯލު ކަނޑާ ނުލައި އޭނާ އިން ކަމަށާއި ގްރީސްގެ ކޯސްޓްގާޑުން އެމީހުން ސަލާމަތް ކުރަން ދާކަން ޔަގީން ކުރަން އެރޭގެ 11 ޖެހުމާ ހަމައަށް އިން ކަމަށެވެ.

"އެކަކު ބުނި، އެއީ އެމީހުންގެ އެންމެ ފަހު ރޭ ހެން ހީވާ ކަމަށް"
ސޯފީ

ސޯފީ އިތުރަށް ބުނީ، އެވަގުތު ބޯޓުގައި ތިބި މީހުން އިޓަލީއަށް ދިޔުމުގެ ހިޔާލު ދޫކޮށްލައި އެދެމުން ދިޔައީ އެހީއަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮޅުން ބޮޅުން ބޮޑުވި ކަމަށް ބެލެވެނީ، ގްރީސް ކޯސްޓްގާޑުން ބޯޓުގެ ފަޅުވެރިންނާ ވާހަކަ ދައްކަމުން ގެންދިޔަ އިރު ހެލްޕް ލައިންގައި އިން ސޯފީ ވާހަކަ ދައްކަމުން ގެންދިޔައީ ބޯޓުގައި ތިބި ދަތުރުވެރިންނާ ކަމަށް ވުމެވެ.

ބޯޓެއްގައި ތިބެން ޖެހޭ އަދަދަށް ވުރެ މާ ގިނައިން މީހުން އަރުވައިގެން ދާ ބޯޓެއް ކޯސްޓްގާޑަށް ފެނުނު އިރު ނުހުއްޓުވި މައްސަލަ ނުވަތަ ސަލާމަތް ނުކުރި މައްސަލަ ހޫނުވެފައި ވާ އިރު، ގްރީސްގެ ކުރީގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވެސް ވަނީ އެކަމުގައި އިދާރާތަކަށް ފާޑުވިދާޅުވެފައެވެ.

މީހުން ހޯދުމަށްޓަކައި 47 މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެން މަގުން ބަލަމުން ގެންދާ އިރު ގްރީސްގެ މަޖިލީސް އިންތިހާބަށް މިހާރު ކުރިއަށް ދާ ކެމްޕެއިން އިވެންޓްތައް ހުއްޓާލައި ވަނީ ހިތާމަފާޅު ކުރުމުގެ 3 ދުވަސް ކަނޑައަޅާފައެވެ.