ކެރެލާގެ މަލަމްޕުރަމް އަވަށުގައި 40 އެއްހާ މީހުންނާއެކު ދަތުރު ކުރި ބޯޓެއް ބަންޑުން ޖަހާލައި އެންމެން މަރުވި ހާދިސާގެ ތަހުގީގު ފަށާފައި ވަނިކޮށް ބޯޓުގެ ވެރި މީހާ ފިލައިފިއެވެ.

މިހާތަނަށް ސާފުވި މައުލޫމާތުތަކުން އެނގޭގޮތުގައި، މި ބޯޓަކީ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ ގޮތަށް ތައްޔާރު ކޮށްފައި އޮތް ބޯޓެއް ނޫނެވެ. ނަމަވެސް އެއި މަހަށް ދާން ތައްޔާރު ކޮށްފައި އޮތް ދޯންޏެއް ކަމަށާއި އޭގެ ވެރިފަރާތުން ޑަބަލް ޑެގެއް ހަދާ ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ ގޮތަށް މޮޑިފައި ކޮށްފައި އޮތް އެއްޗެއް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު ސަރުކާރުން ވަނީ މައްސަލައިގެ ތަހުގީގު ފަށާ، ބޯޓުގެ ވެރިފަރާތް ހޯދަން މަސައްކަތް ފަށާފައެވެ. ނަމަވެސް އޭނާ ފިލާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. ކުޑަކުދިންނާއި އަންހެނުން އަދި ބޮޑެތި މީހުން ތިބި ބޯޓު ބަންޑުން ޖަހާލި ހާދިސާ ހިނގުމާއެކު މިއަދަކީ ހިތާމަފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ސަރުކާރުގެ ހުރިހާ އިވެންޓެއް ވަނީ ހުއްޓާލާފައެވެ. އަދި މިހާދިސާގައި މަރުވި ކޮންމެ އާއިލާއަކަށް 10 ލައްކަ ރުޕީސް (12 ހާސް ޑޮލަރު) ދޭން ވަނީ ނިންމާފައެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި 2 އާއިލާއެއްގެ އެންމެހެންހެން ވަނީ މަރުވެފައެވެ. ކޮއްކޮ، ދައްތަ، ބޭބެ، މަންމަ، ބައްޕަ އާއެކު އާއިލީ ރަހުމަތްތެރިންވެސް ހިމެނެއެވެ. އެއް އާއިލާއަކުން ޖުމްލަ 11 މީހަކު މަރުވި އިރު ދެވަނަ އާއިލާއެއްގެ 2 މީހަކު ފިޔަވާ އެންމެން މަރުވި ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ބުނާ ގޮތުގައި މަރުވީ މުޅިންވެސް ކެރެލާގެ ރައްޔިތުންނެވެ. އެމީހުންގެ ބަންދު ދުވަސް (އާދީއްތަ) ގައި އާއިލާގެ އެންމެން ދިޔައީ ބޯޓު ދުއްވާލާށެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ޖުމްލަ އަދަދު އަދި މުޅިން ދާފު ނުވާ އިރު ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ 40 މީހުން ކަމަށެވެ. ނަމަވެސް އޮފިޝަލުންނަށް އެކަން ޔަގީން ނުވާތީ އަދިވެސް މީހަކު ގެއްލިފައި ވޭތޯ ބަލަމުން އެބަދެއެވެ. 9 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.