ގިނަ ބަޔަކު އަރުވައިގެން ކޯރެއްގައި ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން މަރުވި 22 މީހުންގެ ތެރެއިން 11 މީހުންނަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.
މޭ 7 ވަނަ ދުވަހު އެހާދިސާ ހިނގި އިރު އުމުރުން 48 އަހަރުގެ ކުންނުމަލް ސައިލަތަވީ ހުރީ އޭނާގެ ރައްޓެއްސެއްގެ ގޭގައެވެ. އޭނާއަށް އެމްބިއުލާންސް ތަކެއްގެ ސައިރަންގެ ބާރު އަޑުފައްގަނޑު އިވުމާއެކު އެ އުޅަނދުތައް ދާ މިސްރާބު ބެލިއެވެ. އެ އުޅަނދުތައް ދިޔައީ ގޮނޑުދޮށާ ދިމާއަށް ކަން އެނގުމުން ހާސްވެ ކަންބޮޑުވިއެވެ. ސަބަބަކަށް ވީ، އެދުވަހު އޭނާގެ އާއިލާގެ މެންބަރުން ބޯޓު ދުއްވާލަން ގޮސްފައި ވުމާއި، އޭރު އެމީހުން އެނބުރި ގެއަށް އައިސްފައި ނުވުމެވެ.
އެ ސިހުމާއެކު އޭނާ އަވަސްވެ ގަތީ އާއިލާގެ މެންބަރުންނަށް ގުޅާ ހަބަރު ބެލުމަށެވެ. އާއިލާގެ 3 މީހަކުގެ ގެންދިޔަ 3 ފޯނަށް ގުޅި އިރުވެސް އެކަކުވެސް ޖަވާބެއް ނުދެއެވެ. އޭނާގެ ހާސްކަން ވީ ބޮޑެވެ.
ކެރަލާގެ މައްލަޕޫރަމް ތަނޫރަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތޫވަލް ތީރަމް ބީޗް އޮންނަ ސަރަހައްދެވެ. އާއިލާގެ ޗުއްޓީ ދުވަސްތަކުގައި ގިނަ ބަޔަކު އެ ބީޗަށް ހިތް އުފާކޮށްލައި އާއިލާ އާ އެކު ވަގުތު ހޭދަކޮށްލަން ގޮސް އުޅެއެވެ.
އިންޑިއާ އަށް ދަތުރު ކުރާ ދިވެހިންވެސް ބައެއް ފަހަރު އެ ބީޗަށް ގޮސް އުޅެއެވެ. އެއީ މާސިންގާ ބޮޑު ކޯރެއް އޮންނަ ސަރަހައްދެއް ކަމުން ގިނަ ބަޔަކަށް އެއީ ހިތްހަމަޖައްސާލަން ރަނގަޅު މަންޒިލެއް ކަމަށް ވެއެވެ.
ބޯޓު ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވި އެ ހާދިސާގައި ސައިތަލަވީގެ އަންހެނުންނާއި 4 ކުދިންވެސް މަރުވިއެވެ. އެދުވަހުގެ އެހާދިސާ ހިނގި އިރު އެ އާއިލާގެ އެހާ ގިނަ މެންބަރުން ހިމެނުނީ، އެދުވަހު ބީޗަށް ދިޔުމަށް ސައިތަލަވީ އާއި އޭނާގެ ހަގަށް ހުންނަ ކޮއްކޮ އަދި މަންމަ އާއި އާއިލާ ދިރިއުޅޭ ގެއަށް އެދުވަހު އޭނާގެ ދައްތަވެސް އައުމާއެކު އެ އެންމެން އެކުގައި ދިޔުމަށް ނިންމުމުންނެވެ. އަދި އެ ދަތުރުގައި ބައިވެރިވުމަށް އެމީހުން އެޑޮޕްޓް ކޮށްގެން ބޭބެ އެއްގެ ގޮތުގައި ބަލައި ކުންނުމަލް ޖާބިރާއި އޭނާގެ އާއިލާއަށް ވެސް ދައުވަތު ދިނެވެ. އަދި އަވައްޓެރިއެއް ކަމަށް ވާ އާޝިފާ އާއި އޭނާގެ 2 ދަރިންނަށް ވެސް ދައުވަތު ދިނެވެ. އެހެން ކަމުން އެއާއިލާގެ ގްރޫޕުގައި 19 މީހުން އެދުވަހު ބީޗަށް ދިޔައެވެ.
ސައިތަލަވީ ބުނީ، އެދުވަހު އެދަތުރުގައި އޭނާ ބައިވެރި ނުވީ، ގާތް ރަހުމަތްތެރިއަކާ ބައްދަލުކޮށްލަން ދާން ވެފައި އޮތުމުން ކަމަށާއި، އެމީހުން ބީޗަށް ދިޔުމުން އެތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އޭނާ ދިޔައީ ކަމަށެވެ.
އެދުވަހު ބޯޓަށް ނޭރި އާޝިފާއާ ހަވާލާދީ ސައިތަލަވީ ބުނީ، އެދުވަހުގެ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށް ޕިކްނިކް ނިންމުމަށް ފަހު އެމީހުން އުޅުނީ ގެއަށް އަންނަ ކަމަށެވެ. ނަމަވެސް އެވަގުތު ބޯޓު ދުއްވާ މީހުން އައިސް ދާންވީ ނޫންހޭ ބޮޑު ޑިސްކައުންޓްވެސް ދޭނެ ކަމަށާއި އަދި ކުޑަކުދިންނަށް ހިލޭ ކަމަށް ބުނި ކަމަށެވެ.
އެއީ ރަނގަޅު އޮފާއެއް ވީމައި އެމީހުން ބޯޓަށް އަރަން އެއްބަސްވި ކަމަށާއި ނަމަވެސް ބޯޓު އޮތް ގޮތުން އާޝިފާ އާއި 2 ދަރިން އަރަން ބޭނުން ނުވި ކަމަށް ބުންޏެވެ.
ނަމަވެސް ސައިތަލަވީގެ އާއިލާ އާއި އޭނާގެ ބޭބެ ފިޔަވައި އަންހެނުންނާއި ދަރިން އަދި ޖާބިރުގެ އާއިލާގެ މްނަރުންވެސް އެރީ ބޯޓަށެވެ.
އެ ބޯޓަށް ގާތްގަނޑަކަށް 50 އަހަށް މީހުން އެރުވި ކަމަށާއި އެއީ 2 ބުރިއަށް ހަދާފައި އޮތް އެ ބޯޓުގެ ޖާގައިގެ ޑަބަލް ކަމަށް ސައިތަލަވީ ކިޔައިދިނެވެ.
އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓު ކޮށްފައި ވާ ގޮތުން އިރު އޮއްސުމަށް ފަހު ބޯޓު ދުއްވުމުގެ ހުއްދައެއްވެސް ނޯވެއެވެ. އަދި އެ ބޯޓަކީ މަހަން ދާން ތައްޔާރު ކޮށްފައި އޮތް ބޯޓެއް މޮޑިފައި (ބަދަލު) ކޮށް ޑެކެއް ހަދާ ދެބުރިއަށް ވާގޮތަށް ހަދާފައި އޮތް އުޅަނދެއް ކަމަށް ވެސް ބުނެއެވެ.
ބޯޓު ބަންޑުން ޖަހާލީ މީހުން ގިނަވެ އަރިއަޅާލައިގެންނެވެ. އެއާއެކު ގިނަ ބަޔަކު ބޯޓުގެ ދަށުވީ ކަމަށާއި އޭރު އަނދިރިވެފައި އޮތުމުން ގިނަ ބަޔަކު ގެއްލުނު ކަމަށް ވެސް ބުނެއެވެ.
ބޯޓު ބަންޑުން ޖަހާލުމާއެކު އެންމެން ހާސްވެ ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔައިރު އެ ދުވަހު ބީޗަށް ގޮސް އެނބުރި ނާންނަ މީހުންގެ އާއިލާތަކުގެ މެންބަރުންނާއި އާންމުންވެސް ދުވަމުން ދިޔައީ އެ ސަރަހައްދަށެވެ. ގިނަބަޔަކު އެއްވެ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ އިރު ރެސްކިއު މަސައްކަތުގައި ފުލުހުންނާއި އެހެން އިދާރާތަކުންވެސް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަނދިރިވެފައި އޮތުމުން މީހުން ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ މަރުވި މީހުންގެ އަދަދު މައްޗަށް އެރިއެވެ.
ސައިތަލަވީގެ ހުންނަނީ 4 އަންހެން ކުދިންނެވެ. އޭނާގެ ބޭބެގެ ހުންނަނީ 8 މަހުގެ ކުއްޖަކާ އެކު 3 ކުދިންނެވެ. އެ ހާދިސާގައި އެ ދެމީހުންގެ އަނބިންނާއި ހުރިހާ ކުރިން މަރުވިއެވެ. އަދި އެޑޮޕްޓް ކުރި ބޭބެ ޖާބިރުގެ އަންހެނުންނާއި އޭނާގެ ދަރިފުޅުވެސް މަރުވިއެވެ.
އެހާދިސާގައި އެއާއިލާއިން ސަލާމަތް ވި 4 މީހުންނަކީ ދައްތަ ނުސްރަތާއި އޭނާގެ 18 މަހުގެ އަންހެން ދަރިފުޅާއި ޖާބިރުގެ އިތުރު 2 ދަރިންނެވެ. އެ ހާދިސާގައި އެމީހުންގެ އާއިލާގެ މެންބަރުން މަރުވެ ދިޔުމުގެ ހިތާމައިން އަދިވެސް ސައިތަވްވީ އާއި ބޭބެމެނަށް އަރައިނުގަނެވެއެވެ. ހަރުދަނާ އާއިލާއެއް ބިނާކުރުމަށް ކުރަމުން އައި މަސައްކަތް ވެއްޔާ މޮޑެވި ދިޔައީއެވެ. ކަރުނައާއި މާޔޫސްކަން ވަނީ އެއާއިލާ ވަށާލާފައެވެ.