އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ، ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފިއެވެ.

އެލައިޑުން ބުނީ، "އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މިފުރުސަތަށް އެދި އޮގަސްޓް 15، 2023، ހަވީރު 04:00ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެއް ކަމަށެވެ. މިފުރުސަތަށް އެދި އޮގަސްޓް 15، 2023، ހަވީރު 04:00ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްސް އަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބޭ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުނެއެވެ.

އެހެންކަމުން މި ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

އެލައިޑުން ބުނީ، މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މި ލިންކުން ލިބޭނެ ކަމުގައި އެލައިޑުން ވަނީ ބުނެފައެވެ.

2018ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށް އެލައިޑުން ބުނެއެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.