ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ވަރުގަދަ އައިޓަމް ލަވަ އެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
"ތޫފާނީ އިޝްގު" ގެ ނަމުގައި ގެނެސްދިން މި ލަވައިން ފެނިގެންދަނީ އާޝާ ގެ ވަރަށް ފޯރިގަދަ ނެށުމެކެވެ. ބޮލީވުޑް ސްޓައިލަކަށް މި ލަވަ ގެނެސްދީފައިވާއިރު ލި ލަވައަށް ވަނީ މަސްހުނި ކޮމެންޓް ތަކެއް ލިބިފައެވެ. ބޮލީވުޑްގެ އައިޓަމް ގާލް ނޯރާ ފަތެހީ ގެ ލަވަތަކުގައި ކޮސްޓިއުމް ބޭނުންކޮށްފައި ހުންނަ ގޮތާއި އޭނާގެ ނެށުމާއި، އާޝާގެ ލަވަ ގުޅޭ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
ތޫފާނީ އިޝްގު އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ލަވައެކެވެ. މި ލަވައިގެ މިއުޒިކް ބާޗީ ހެދިއިރު، ލަވައިގެ ޅެމާއި މެލޮޑީ ހަދައިދީފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ތޭރަވާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިއުޒީޝަނުވެސްމެއެވެ. މި ލަވަ ޑައިރެކްޓްކުރީ ފެޝަން ޑިޒައިނަރު/މޭކަޕް އާޓިސްޓް/އެކްޓަރު ހުސައިން ސަދިޔާން (ސޭންޑީ) އެވެ.
ބަތަލާ އާޝާ އެންމެ ފަހުން މީޑިއާނެޓުން ޕްރިމިއާކުރި ފިލްމު "ހިނދުކޮޅެއް" އިންނެވެ. ބަތަލާ ވަނީ މިއަހަރު އޮލިމްޕަހުގައި އެޅުވި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބީވީމާ" އިން ވެސް ފެނިގެން ގޮއްސައެވެ. އާޝާ އަތުގައި މިވަގުތު ޑާކްރެއިންގެ ދެ ޕްރޮޖެކްޓެއް އޮތްއިރު އޭނާ އަކީ ޑާކްރެއިންގެ ޒުވާން އާ މޫނެވެ. 2019 ވަނަ އަހަރު ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާ އަށް ނުކުތް އާޝާ އަކީ މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ.