މަންމަ މަރާލާނެ ކަމަށް ތަކުރާރުކޮށް އިންޒާރުދިން މީހަކު 2 އަހަރަށް ޖަލަށްލާން ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ސ. މީދޫ، ބަށިމާގެ, އަފްސަން ލަތީފް (45އ) އަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވވަނީ 27 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ރޭ އަފްސަން ލަތީފް އޭނާ ދިރިއުޅޭ ގޭގައި ހުރެ، އޭނާގެ މަންމައާ ދިމާލަށް އިންޒާރު ދިނުމުގެ ގޮތުން އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ.

ކޯޓުގައި މި ދައުވާއަށް އޭނާ އިންކާރު ކޮށްފައި ވާއިރު އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ. މިގޮތުން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި އޭނާ އިންޒާރު ދިން މަންމަގެ އިތުރުން އަންހެން ކޮއްކޮ އަކާއި މާމަ ދަރިއެއް ހިމެނެއެވެ.

މިގޮތުން އޭނާގެ މަންމަ ކޯޓުގައި ހެކިބަސްދެމުން ބުނީ، އިންޒާރު ދިން ދުވަހު އޭނާގެ ދަރިފުޅު ކައިރީ މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި އެގޮތަށް ބުނުމުން ކާން ހުރި ހުރިހާ އެއްޗެއް މޭޒު މައްޗަށް ޖަހާފައި، މަސްތުވާތަކެތި ބޭނުންނުކުރާކަމަށް ބުނެފައިވާ ކަމަށެވެ. އަދި "ތިމަންނަ ހިތަށް އަރައޭ މީނާ މަރާލާނަމޭ، މީނަ މަރާލާފައޭ ތިމަންނަ ޖަލުގައި އިށީންނާނީ" މިހެން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ހެކިބަސް ދެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިބާވަތުގެ އެއްޗެހި ކިޔައި ބިރު ދައްކާ ކަމަށާއި އަބަދުވެސް ހުންނަންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ދައުވާތަކަށް އިންކާރުކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން ދައުލަތުން ކުރި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން އަފްސަން ލަތީފްގެ މައްޗަށް 2 މަހާއި 3 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.