ދައުރު ކަނޑައަޅައިގެން ވެރިކަން ކުރާ ގިނަ ގައުމުތަކުގައި އޮންނަނީ ރާއްޖޭގައި ވެސް މި އޮންނަ ފަދަ ރޫހެކެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ފުރޮޅާލުމުގެ ރޫހެވެ.

ރާއްޖެ މިދެކޭ ދިމިގްރާތީ ތާރީހުގެ ޅަ ކަމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރަށް ފަހު، އައި ކޮންމެ ވެރިކަމެއް ވެސް ނިމިގެން ދިޔައީ، ވެރިކަން ވައްޓާލުމުގެ ރޫހެއްގައި ކަމުގައި ދަންނަވަން ޖެހެއެވެ.

މައުމޫނުގެ ވެރިކަން ނިންމަން ރައްޔިތުން ނިކުތީ، ހުދުމުހުތާރު ކަމާހެދި ރައްޔިތުންނަށް އުޅެވެން ނެތް ކަމަށް ފާޅުކުރި ޝިއާރުތައް ވައިގައި ހިފައި ރައްޔިތުން މައުމޫނަށް ނޫނެކޭ ބުނުމުންނެވެ. ދެން ވެރިކަމަށް ވަޑައިގަތީ މައުމޫނުގެ ހުދުމުހުތާރު ކަމުގެ ވާހަކަ ފާޅުގައި ދައްކަވަން ފެއްޓެވި ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ވެރިކަމުގެ 5 އަހަރު ފުރިހަމަ ވެސް ކޮށްނުލެވުނެވެ. ސަރުކާރު ހިންގަވަން އެނގިވަޑައި ނުގަތުމާއި، ދައުލަތުގެ ހަރު މުދާތައް ވިއްކަވާލެއްވުމާއި، ޑޮލަރުގެ އަގު ފްލޯޓް ކޮށްލުމާއެކު ތަކެތީގެ އަގުތައް އަރައިގެން ގޮސް ނުހިފެހެއްޓި ރައްޔިތުންގެ މެދުގައި އުފެދުނު އޮއިވަރެއްގައި ނުކުމެ ވެރިކަން ވައްޓާލިއެވެ. އެ ވެރިކަމުގެ ބާކީބައި ފުރިހަމަ ކުރައްވަމުން ގެންދެވީ ނައިބުރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ޑރ. ވަހީދުގެ 2 އަހަރެއްހާ ދުވަހުގެ ވެރިކަން ނިމުނު އިރު ދެން އިރުތު ދައުރަކަށް ކުރިމަތި ނުލެއްވޭ ވަރަށް އެމަނިކުފާނުގެ ނަން އޮތީ ކިލަނބު ކޮށްލާފައެވެ. "ކާޅުން، ބާޣީން" ފޮށެމުން ގޮސް މަގުމަތިންވެސް ދިމާ ކުރިއެވެ.

ފަސްއަހަރުގެ ފުރިހަމަ ދައުރެއް އަދާކުރެއްވުނީ، އޭގެ ފަހުން ވަޑައިގެންނެވި "ގަޓު ރައީސް" ރައީސް އަބަދުﷲ ޔާމީނަށެވެ. ނަމަވެސް 2 ވަނަ ދައުރެއް ޔާމީނަށްވެސް ލިބިވަޑައި ނުގަތީ، ޔާމީނާ އިދިކޮޅަށް، އެންމެން އަރާ، ޔާމީންގެ ވެރިކަމުގައި ކޮށްފައި ހުރި ވައްކަމާއި ހިންގާފައި ހުރި ކޮރަޕްޝަނާއި، އިދިކޮޅު ހުރިހާ ވެރިން ޖަލަށް ލި ވާހަކައިން ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދިނުމުންނެވެ.

އެފަހުން ވެރިކަމަށް ވަޑައިގަތް، މިހާރު ނިމެން މިދާ ވެރިކަމުގެ ފަހު ތަޅާލުމާ ހަމައަށް އައިސްފައި ވާ އިރު، އިދިކޮޅު އެންމެން އެއް ފުނަލަކުން އަޅަމުން ކިޔަނީ، ވެރިކަން ވައްޓާލާނެ ވާހަކައެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާ ކަމަށެވެ. އަދި އުމްރާނީ ތަރައްގީގައި ސުމެއް ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމުގައި ބަހައްޓަން ޖެހޭ ސަބަބެއް ފެނިވަޑައިގަތިއްޔާ ފެނިވަޑައިގަންނަވަނީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް އެކަންޏެވެ. އެ ދެބޭފުޅުންގެ ތެރެއިން އިމްރާނަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ސިޔާމަށް ވަނީ ކޯލިޝަން ޕާޓުނަރަކަށް ވެވަޑައިގަތުމާއެކު ބޮޑު ލޯނެއް ހަމަޖެހިފައެވެ. ނަމަވެސް އެ ދެބޭފުޅުން ރައީސް ސޯލިހަށް ތާއީދު ކުރައްވަނީ، އެސަބަބާ ހުރެ ކަމަކަށް ނުދަންނަވަމެވެ.

ގައުމުގައި އަމަންއަމާންކަން ދަމަހައްޓައި، ސުލްހަ މަސަލަސްކަން ގާއިމު ކުރައްވައި، އެކުގައި ކޯލިޝަން ހެއްދެވި ޕާޓީތައް 5 އަހަރު ނިމެންދެން ހިފަހައްޓަވައި، އެތައް ބަޔަކަށް ވަޒީފާ ދެއްވައި، އިންޑިއާގެ އެހީގައި "ހައި އިމްޕެކްޓް" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކި ވަރުގެ މަޝްރޫއުތައް [މަސައްކަތްތައް] ހިންގަވާ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އެއީ ސަބަބެއް ކަމަކަށް އިދިކޮޅުގައި ތިބި އެއްވެސް ބެފުޅަކު ދެކެވަޑައެއް ނުގަންނަވައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އިން ބުނަނީ، އަވަހަށް ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން ވީ ކަމަށެވެ. ރައީސް ސޯލިހުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ހުންނަވައި، އަނބިކަނބަލުން ކެބިނެޓުގައި ބައިންދަވާ، ޕާޓީ ކުދިންކޮޅު ވަޒީފާގައި ބައިތިއްބައިގެން ސަރުކާރުން [އެ ކުދިންނަށް] މުސާރަ ހޯއްދަވައި ދެއްވަމުން ޖޭޕީ ލިޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވަނީ، މި ސަރުކާރުގައި ކަމުދާ އެއްވެސް ކަމެއް ނެތް ކަމަށާއި ބަދަލު ކުރަން ވީ ކަމަށެވެ.

ދެން ހުންނެވީ، ރައީސް ސޯލިހު ތުއްޕުޅު އިރުގެ އެކުވެރިޔާ އަދި ފަހުން އާއިލީ އެކި ބޭފުޅުންގެ ކައިވެނިތައް ގުޅިފައި ހުރި ގޮތުން އަހު، ރައީސް މުހައްމަދު ނަޝީދެވެ. އެކުގައި އެމްޑީޕީގައި އުޅުއްވަމުން، ބަސް އަހާ ކުދިން ކޮޅެއް ލައްވާ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ވުޖޫދު ކުރަމުން ސޯލިހު ވެރިކަމުން ވައްޓާލަން ނިކުންނަވައިގެންނެވެ. ރައީސް ސޯލިހަށް ރަނގަޅަށް ކުރެއްވޭ އެއްވެސް ކަމެއް ނެތެވެ. މިހާތަނަށް އިދިކޮޅު ލީޑަރަކު، އަދި ޕާޓީއަކުން ރައީސް ސޯލިހުގެ އިސްތަށިފުޅަށް ނުކުރާހާ އުނދަގޫ ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ކޮންމެ ހަމަލާއަކީ، ރައީސް ސޯލިހުގެ ހިތްޕުގައި ޖެހިވަޑައިގަންނަވާނެ ހަމަލާއެއްކަން ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވެރިކަން ކުރައްވަން އެނގިވަޑައިނުގަތުމުން ވެރިކަން ވެއްޓިވަޑައިގަން ގޮތް ހަނދުމަފުޅު ނެތި، ރައީސް ސޯލިހަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގަންވާ ކަމަށް އާންމުންނަށް ވިސްނައިދެއްވަން އެތައް ވާހަކައެއް ދައްކަވައެވެ.

ގާސިމްގެ [ކަމެއް ނެތިގެން] ޖޭޕީގައި ހުންނަވާ، ނިކުމެވަަޑައިގެން އަމިއްލަ ޕާޓީއެއް ހެއްދެވި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމްވެސް ވިދާޅުވަނީ، ރައީސް ސޯލިހުގެ ސަރުކާރު ކަމު ނުދާކަމަށާއި ބަދަލުކުރަން ޖެހޭ ކަމަށެވެ. އަމުދުން ރަނގަޅަށް ކުރެވޭ ހަމަ އެއްވެސް ކަމެއް ފެނިވަޑައެއް ނުގަންނަވާ ކަމަށެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުވެސް ދައްކަވަނީ އެވާހަކައެވެ.

ކޮންމެ 5 އަހަރަކުން މިވާހަކަ އާކުރާ އިރު، މި ނިމޭ 5 އަހަރުވެސް ހަމަ އެވާހަކަ އާކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރެއެވެ. އަނެއްބަޔަކު ބުނަނީ، އެއީ ސުވާލެއް ނޫން ކަމަށާއި، އެއީ ވެރިކަމުގެ ދަހިވެތިކަން ކަމަށެވެ.

"ތީ ހައްތަހާވެސް ވެރިކަމާ ހެދި ބޫތު ކައިފައި ތިބި މީހުން، ހެޔޮ ނޯންނާނެ އެއްގޮތެއްވެސް، ވެރިކަން ބޭނުން ވަނީ، ވެރިކަން ލިބެންދެން ދައްކާނީ އެއްވާހަކައެއް"
އާންމު ރައްޔިތެއް

އިތުރު މީހަކު ބުނީ، "ތީގައި ލާހިކު އެކަކުވެސް ނެތް ކަމަށާއި މުޅިންވެސް ތިބީ ހަމަ އެއްވަޅަކުން ފެން ބޮއެގެން ތިބި މީހުން" ކަމަށެވެ.

"އާން ވެރިކަން، ވެރިކަން ނުލިބޭތީ ދައްކާ ވާހަކަ، ވެރިކަން ލިބުނީ އެ ނިމުނީ" އޭނާ ބުންޏެވެ.

ކޮންމެ 5 އަހަރެއް ނިމޭ އިރު، އަބަދުވެސް ފެންނަމުން އަންނަ އެއް ހަގީގަތަކީ، ސަރުކާރު ގޯސްވެ، ކުރެވޭ ހަމަ ރަނގަޅު އެއްވެސް ކަމެއް ނެތި، ވެރިކަން ބަދަލުކުރާން ޖެހިފައި އޮންނަ ތަނެވެ. އެވަގުތަކު ސަރުކާރާއި ސަރުކާރުގެ ބައިވެރިންގެ ގޮތުގައި ތިބޭ މީސްކޮޅު ފިޔަވައި ދެން ތިބޭ ލީޑަރުން އެއްބަސްވެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާތަނެވެ.

ދުނިޔެ ދައްކަނީ ވެސް އެއާ ދާދި އެއްގޮތް ހަގީގަތެކެވެ. 5 އަހަރުގެ ވެރިކަމެއް އެކަކަށް [ކާން] ދީގެން ތިބުމުން ތިމާމެންނަށް ލިބޭ އެއްޗެއް މަދުވާ މަދުވުމަކީ، އަބަދުވެސް ވެރިކަން ފުރޮޅާލަން ބޭނުންވާ ކަމެކެވެ. މަދު ގައުމެއްގައި، މަދު ޑިމޮކްރަސީއެއްގައި އެއް ދައުރަށް ވުރެ ގިނަ ދައުރު ލިބުނަސް، ރާއްޖޭގަައި އެފުރުސަތު ލިބުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެއެވެ. ވަރަށް ރަނގަޅަށް، މޮޅަށް، ރައްޔިތުން އެދޭ މިންވަރަށް ހިދުމަތްތަކެއް ކޮށްދީ ހިންގުންތެރިކަމެއް ދެއްކިޔަސް އެވެރިންނަށް [ކާން] ނުލިބި ވެރި މީހާ [ކާން] ދެވަނަ ދައުރެއް ދޭކަށް އެ ވެރިން ބޭނުމެއް ނުވާނެއެވެ.

ވެރިއަކަށް ހުންނަވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ އިރު ހާސިލު ކުރެވިފައި ހުންނަ ނަތީޖާ ތަކަކީ އެ މިނެކިރާން ރައްޔިތުންނަށް ވެސް ފަސޭހަވާ ކަމަކަށް ވާ އިރު، 5 އަހަރުން ވެރިކަން ވައްޓާލައި އޮއިވަރުގައި ރައްޔިތުން ޖެހެނީ 5 އަހަރަކުން ކުރަން ބުނި ކަންކަމުގެ ބައިކުޅަ ބައި ވެސް ނުވެ ހުރުމާއި މިނާނެ ނުވަތަ އަޅާކިޔާނެ އެއްޗެއް ނޯންނާތީއެވެ.

ރައްޔިތުންނަށް ދައްކާނެ ކަންތައްތަކެއް ފެންނަން ނެތުމާއި އިޖުތިމާއީ ހާލަތު ރަނގަޅު ނުވުމެވެ. އަތްމަތި ތަނަވަސް ވެ، ސަލާން ނުޖަހާ އުޅެވެން ނެތުމެވެ. ކިޔަވައިގެން ތިބި [ސްކޫލް ނިންމާ ދަރިވަރުންނަށް] އެތައްހާސް ދަރިވަރުން ތިއްބަސް އެކްޓިވިސްޓުން ނޫން ބަޔަކަށް ވަޒީފާއެއް ނުލިބުމެވެ. ކޮންމެވެސް އެމްޕީއެއް، ސިޔާސީ މީހެއް، މިނިސްޓަރެއްގެ ގާތުގައި ސަލާން ޖަހައިގެން ނޫނީ ކަމެއް ނުފުދުމެވެ. ލޯނެއް އޮތިއްޔާ ނަގަން ނުޖެހި ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާލެވޭނެ ގޮތެއް ނެތުމެވެ. އެކަށީގެންވާ ސިއްހީ ފަރުވާ އާއި ބޭސް، އަތްފޯރާ ފަށުން [ރަށުން ނުވަތަ އަތޮޅުން] ލިބެން ނެތުމެވެ. ތައުލީމާއި، އާންމު ސާފުތާހިރުކަމާ ގުޅޭ ކަންކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ. ކޮރަޕްޝަނާއި ފަސާދަ ހުއްޓުވައި ދައުލަތުގެ އަރަނި ބޮޑުކުރަން ނޭނގުމެވެ. އަދުލު އިންސާފާާއި ހަމަ، ހަމައަކަށް އަޅުވައި ނުލެވުމެވެ. ބޮޑު ކެކުރި، ކުޑަކެކުރި އުސޫލު ނައްތާ ނުލެވުމެވެ.

މި ސަބަބުތަކުގެ އިތުރުން ލިސްޓު ދިގުކުރަން ނުލިޔުނަސް މި ކަންކަން ހަމައަކަށް އަޅުވާ ނުލެވޭ ވެރިއަކީ، 5 އަހަރުން ބަދަލު ކުރަން ޖެހޭ ވެރިއެއް ކަމަށް އިދިކޮޅުން ބުނަނީ އެހެންވެގެންނެވެ.