ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ގުޅީފަޅުގައި ހަރަކާތްތެރިވާ އެފްކޯންސްގެ މުވައްޒަފުން ހަމަޖެހުން ހިންގާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި މުވައްޒަފަކަށް ހާޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ގުޅީފަޅުގައި މުވައްޒަފުން ހަމަނުޖެހުން ހިންގާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި އަންނަނީ އަޑުތައް ފެތުރެމުންނެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، ގުޅީފަޅުގައި އެފްކޯންސްގެ މުވައްޒަފުން ހަމަނުޖެހުމެއް ހިންގައިގެން ނޫޅޭ ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އެފްކޯންސްގެ އިންޑިއާ މުވައްޒަފެއްގެ މެއަށް ތަދެއް އައރައިގެން ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ކަމަށް ޖިނާން ވިދާޅުވިއެވެ. އެމީހާ މަރުވުމުން އިއްޔެ އާއި މިއަދު އެފްކޯންސްގެ މުވައްޒަފުންނަށް ޗުއްޓީ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން ސައިޓް މެނޭޖަރަކަށް ހަމަލާދީ ބޯ ފަޅާލައިގެން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ވެސް ދޮގު ވާހަކައެއް ކަމަށް ޖިނާން ވިދާޅުވިއެވެ. އެކަހަލަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމުގެ ޔަގީން ކަން އޭނާ ދެއްވިއެވެ.