މީގެ ކުރިން ކުރިއަށް ގެންދިޔަ އިންޓާ ސްކޫލް ކުދިންގެ ލަވަ މުބާރާތް 7 އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުން 32 ސްކޫލާއެކު ފަށާފައިވާ އިރު، އެތައްބައެއްގެ ސަމާލުކަން މި މުބާރާތަށް ހުއްޓިއްޖެއެވެ.

މީގެ ކުރިން މި މުބާރާތަކީ ޓީވީއެމް އިން ލައިވްކޮށް ގެނެސްދިން މުބާރާތެކެވެ. ނަމަވެސް 7 އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް އިއްޔެ ފަށާފައިވާ އިރު، މި މުބާރާތް ލައިވްކޮށް ދައްކަނީ "ޕީއެސްއެމް" އަދި "ޔެސް ޓީވީ" މެދުވެރިކޮށެވެ.

މި މުބާރާތުގައި މިއަހަރު 32 ސްކޫލަކުން ވާދަކުރާ އިރު މި މުބާރާތުގައި ޖުމްލަ 273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ޖޫނިއާ އަދި ސީނިއާ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އުމުރުފު ހިމެނެއެވެ. ޖޫނިއާ ގްރޫޕުގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

އިންޓާ ސްކޫލް ކުދިންގެ ލަވަ މުބާރާތް 2023 ގެ ބައިވެރިއެއް ލަވަ ހުށަހަޅައި ދެނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މުބާރާތުގައި ކުދިން ހުށަހަޅައިދޭ ލަވަތައް ދައްކަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިފަހަރުގެ މުބާރާތުގައި 71 އަމިއްލަ ރާގެއް އިވިގެންދާނެއެވެ.

މުބާރާތުގައި ކުދިންގެ ހުށަހެޅުންތަކަށް އިންސާފުކުރާނީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. މި ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި، މިއުޒީޝަނުން ހިމެނިފައި ވެއެވެ. މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް:

  • ކާނަލް އަލީ މަނިކު (ދާރީ)
  • އާދަމް ނަސީރު އިބްރާހީމް
  • ޝިފާ ތައުފީގް
  • މުހައްމަދު އާމިރު އަހްމަދު (ފަރެސް)
  • މަރިޔަމް އުނޫޝާ
  • މުހައްމަދު ޝުހައިލް
  • ފާތިމަތު ފެޒްލީން
އިންޓާ ސްކޫލް ކުދިންގެ ލަވަ މުބާރާތް 2023 ގެ ޖަޖުންގެ ޕެނަލް

މިއަހަރުގެ ދިރާސީ އަހަރު ނިމޭ ދިވަސްވަރާ ދިމާކޮށް އެތައް އަހަރަކު މެދުކެނޑިފައި އޮތް ސްކޫލްކުދިންގެ ލަވަމުބާރާތް ފަށާފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ސްކޫލްތަކަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ވެސް ކުދިންނަށް ހިތްވަރދެމުންނެވެ. ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް، ލަވަކިޔުމުގެ ދާއިރާ އަށް ކުދިން އުފެއްދުމުގެ މަގްސަދުގައި 1988 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގައެވެ. އެއަށް ފަހު މިއަހަރު ލަވަ މުބާރާތް އަނެއްކާ ފެށުމުން ގިނަ ބަޔަކު އަންނަނީ ކުދިންގެ ޓެލެޓާއި ހުނަރު ފާހަގަކުރަމުންނެވެ.

މީގެ ކުރިން އިންޓާ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވާދަކޮށްފައި ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުންނެވެ. އަތޮޅުތެރޭގެ ސްކޫލްތަކަށް ހާއްސަކޮށް އަތޮލޫ ސްކޫލްތަުގެ ލަވަ މިުބާރާތް އޭރު އައީ ވަކި މުބާރާތެއްގެ ގޮތުގައި ބާއްވަމުންނެވެ. ނަމަވެސް މި އަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި އަތޮލޫތަލުގެ ސްކޫލްތަކާއި މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލްތަކުން ވާދަކުރާ ގޮތަށް ހަމަޖއްސާފައި ވުމުން ގިނަ ބަޔަކު އަންނަނީ މި މުބާރާތަށް ތައުރީފް ކުރަމުންނެވެ. ތަފާތު ކުރުން ކުޑަކޮށް ވާދަވެރި ފުރިހަމަ މުބާރާތަކަށް ވާނެ ކަމަށް ބެލެނިވެރިންނާއި ސްކޫލްތަކުން މި މުބާރާތް ފާހަގަ ކުރެއެވެ.