ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށުމާއެކު ރޭވިގެން ތަރުތީބުކޮށް ރަޝިއާ އާ ދެކޮޅަށް އަޅަމުން ދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާ ބަލިކޮށް ނުލެވުނު ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ޝަހަރެއް ކަމަށް ވާ އެސްޓީ ޕީޓަސްބާގްގައި ފެށި އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތާއި އަދި އީޔޫއިން ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓާ، ވަކިވަކި ފަރުދުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން ވިޔަފާރީގެ ކިޔަންމެ ގުޅުމެއް ކަނޑާލައި މުއާމަލާތްތައް ހުއްޓުވައި ދަތި ކޮށްފައި ވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތަކުން ރަޝިއާ ބަލި ނުކުރެވުނު ކަމަށާއި އަދި ބާކީވެސް ނުކުރެވުނު ކަމަށެވެ. އެއާ ހިލާފަށް ވިޔަފާރި އިތުރަށް ފުޅާވެ މުސްތަގުބަލުގެ މާކެޓްތަކާ އެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ވީ ކަމަށެވެ.
އެގޮތުން އޭނާ ފާހަގަ ކުރެއްވީ، އޭޝިއާ އާއި ލެޓިން އެމެރިކާ އާއި މެދުއިރުމަތީގެ ވާހަކައެވެ. އެއީ އިތުބާރު ބައިވެރިން ކަމަށް ޕުޓީން ވިދާޅުވިއެވެ.
ޔޫކްރައިންގެ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޕުޓިން ވިދާޅުވީ ހަނގުރާމައިގައި ވެސް ޔޫކްރައިން އާއި ހުޅަނގަށް ކާމިޔާބު ނުވާނެ ކަމަށާއި މާ ލަސްތަކެއް ނުވެ ޔޫކްރައިނުން ހަތިޔާރު ހުސްވާނެ ކަމަށެވެ. ދެން ގެންގުޅެން ޖެހޭނީ ހުޅަނގުން ފޯރުކޮށްދޭ ހާޑްވެއާ [އަސްކަރީ ހަތިޔާރާއި ސާމާނު] ކަމަށާއި، ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ފެށި ރައްދު ހަމަލާގައިވެސް ޔޫކްރައިން ސިފައިންނަށް ކުރި ނުލިބޭ ކަމަށެވެ.
އަނެއްކޮޅުން، ހުޅަނގާއި އެމެރިކާއިން މިހާރު ބްރަސަލްސްގައި ބާއްވަމުން ދާ ނޭޓޯގެ ބައްދަލުވުމުގައި އެމެރިކާއިން ވަނީ ނޭޓޯގެ މެންބަރަކަށް ސްވިޑަން ވުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ސްވިޑަން އަކީ އެކަށީގެންވާ ގާބިލް އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި އުތުރު ޔޫރަޕްގެ ވައިގެ ސަރަހައްދަަށް ފަރިތަ ބައެއް ކަމަށެވެ. ސްވިޑަން، ނޭޓޯ އަށް ވަނުމަށް ހުރަސް އަޅަނީ ތުރުކީންނެވެ. ތުރުކީ ސަރުކާރާ ދެކޮޅު ކުރުދީންނަށް ސްވިޑަން އިން މަދަދުވެރިވާ މައްސަލަގައި ތުރުކީން އާނބަސް ނުދޭތީ ސްވިޑަން އަން ވަނީ ނޭޓޯގެ މެންބަރަކަށް ވުމަށް ހުރަސް އެޅިފައެވެ.
އެ ބައްދަލުވުމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ ޕުޓިންގެ އިސްތަށިފުޅުގައި ވަރުގަދަ ތުހުމަތެއްވެސް އަޅުވާފައެވެ. ވިދާޅުވީ، ޔޫކްރައިން ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވައްދަން ޕުޓިން ޖައްސަވާ މަޅީގައި ނޭޓޯ ނުޖެހޭ ކަމަށާއި އެ މިސްޓޭކް ނުހަދާނެ ކަމަށެވެ. އަދި އޭނާ ވަނީ ނޭޓޯގެ މެންބަރުންނަށް އެކަމުގައި ސަމާލުވެ ތިބުމަށް ވެސް ގޮވާލައްވާފައެވެ. އިތުރަށް އޭނާ ވިދާޅުވީ، ނޭޓޯ އަބަދުވެސް އޮންނާނީ، މެންބަރު ގައުމުގަތަކާއި ސަރަހައްދުތައް ދިފާއު ކުރުމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ބާރު ހޯދާ، ކުރިއަރާ ވަރުގަދަ ވާން ކަމަށެވެ.
މިއަދު ޔޫރަޕްގައި ހިނގާފައިވާ ތިން ވަނަ ކަމަކީ، ޔޫކްރައިންއަށް ވަޑައިގެންނެވި އެފްރިކާގެ 7 ގައުމުގެ ވެރިންގެ ސުލްހައިގެ މިޝަން ޔޫކްރައިންގެ ރައީސް އާ ބައްދަލު ކުރެއްވުމެވެ. އެބޭފުޅުން ޔޫކްރައިންގައި ތިއްބަވަނިކޮށް ވެސް ރަޝިއާއިން ވަނީ ވެރިރަށް ކީވް އަށް ހަމަލާ ދީފައެވެ. އެ ހަމަލާގެ އަޑުފައްގަނޑު އިވިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. މީގެ އިތުރުން މި ވަފްދުގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގެންނެވި ދެނުކު އެފްރިކާގެ ރައީސް ސައިރިލް ރަމަޕޯސާ އިންނެވި ފްލައިޓް ޕޮލަންޑުގައި ހިފެހެއްޓި މައްސަލައެއް ވަނީ ހޫނުވެފައެވެ. އޮފިޝަލުން ބުނާ ގޮތުގައި، އެއީ ކަޅު ނަސްލުގެ މީހުން ކަމަށް ވާތީ، ނަސްލީ ތަފާތު ކުރުމުގެ ތެރެއިން ޕޮލަންޑުން ކުރި ކަމެކެވެ. 26 ގަޑިއިރު ބޯޓު ހިފެއްހެއްޓުމަށް ފަހު، ފަސެންޖަރުން ފައިބަން ހުއްދަ ދެމުން ޕޮލެންޑުގެ އޮފިޝަލުން ބުނެފައި ވަނީ ބޯޓު ހިފަހައްޓަން ޖެހުނީ، އެއިން ދަތުރު ކުރި ބައެއް މީހުންގެ އަތުގައި ހަތިޔާރު އެތެރެ ކުރުމަށް ބޭނުންވާ ސައްހަ ލިޔެކިޔުން ނެތުމުން ކަމަށެވެ.