ގއ. ވިލިނގިލި އައްސަދު އަހްމަދު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ އައްސަދު ގެއްލިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ ރަށުތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމުރުން 38 އަހަރުގެ އައްސަދު ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް ވެސް ވިޝާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރޭގެ ދަންވަރާއި މިއަދު ވެސް އައްސަދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އައްސަދުގެ ފޯނަށް ގުޅުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް ވިޝާލް ވިދާޅުވިއެވެ.

އައްސަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ވިލިނގިލި ޕޮލިސް ސްޓޭޝަންއަށް އެންގުމަށް ވިޝާލް ވަނީ އެދިލައްވާފައެވެ.

އައްސަދު އަކީ އެ ރަށުގައި ބިދޭސީންތަކެއް ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ.