ފުރާނަ އަކީ ޚާލިގުވަންތަ ﷲ އަށް މިލްކުވެވޮޑިގެންވާ އެއްޗެއް ކަމަށް ވާ އިރު އެހެން އެެއްވެސް ފަރާތަކަށް ފުރާނައެއް ނޭޅުއްވޭނެއެވެ. އެ ބާރެއް އިންސާނުންނަކަސް ވެސް ލިބިގެން ނުވެއެވެ. ހާލަތަކާ ގުޅިގެން، ހެކި ބަހަކަށް މަރުވެފައި އޮތް އިންސާނަކު ދިރުއްވުމުގެ ބާރު މުއުޖިޒާތެއްގެ ގޮތުގައި އީސާ އަލައިހިއްސަލާމް އަށް ދެއްވި ނަމަވެސް އެއީ އާަންމު އިންސާނުންނަށް އޮތް ކަމެއް ނޫނެވެ.
މިއަދުގެ ސައިންސްގެ އަލީގައި ކަޑައްތު ކުރި އާ މަރުހަލާ އަކީ، އެބްރިއޯ (އެހި) ނުވަތަ ނުއުފަންނަ ބިހާއި، މަސް އަދި ޔޯކް ސެލް އުފެދޭ މަސްނޫއީ ސެލްތަކެއް ތަރައްގީ ކުރުމެވެ. ސައިންސްވެރިން ބުނެފައި މިއީ ދުނިޔޭގެ އެންމެ ފުރަތަމަ 'މަސްނޫއީ އިންސާނީ އެމްބްރިއޯ' ކަމަށެވެ.
ސްޓެމް ސެލްގެ ބޭނުން ކޮށްގެން ތަރައްގީ ކުރި މި ހޯދުމުގައި ދަރިފަނި ނުބަތަ ބިހެއް ބޭނުމެއް ނުކުރެއެވެ.
ސައިންސްވެރިން ބުނީ އެމްބްރިއޯ އެއް ކަހަލަ ބައިތައް މި ސެލްތަކުން އުފެދިގެން އައި ނަމަވެސް ފުރާނަ އާއި ހާޓްބީޓް އަދި ސިނކުނޑި ނުއުފުދޭ ކަމަށެވެ. ނަމަވެސް ޕްލަސެންޓާ [މަސް] އަދި ޔޯކް ސެކް [މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ ރަތް ސެލްތައް އުފައްދައި ދީ، ކާނާ ފޯރުކޮށްދޭ ކޮތަޅު] އާއި އެމްބްރިއޯ އުފެދޭ ކަމަށެވެ.
ޔުނިވާސިޓީ އޮފް ކެމްބްރިޖް އައި ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގެ ޕްރޮފެސަރު މަގްޑަލޭނާ ޒެނިކާ ގޮއެޒް ވިދާޅުވީ، ސެލްތައް ރީޕްރޮގްރާމް ކޮށް، އިންސާނުންގެ އެމްބްރިއޯ [މުޑުވަށް ވެފައިވާ ބިސް މަޑުމަޑުން ބޮޑުވަމުން އަންނަ ދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ކުޑަދަރިފުޅު] އާ އެއްގޮތް ސިފަތަކާއެކު މިއަދު އުފެއްދޭ ކަމަށެވެ.
ދަރިފަނިން އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވިގެން ވަނީ ދެފަށަލައަކަށް އެތުރިފައި ހުންނަ ސެލްތަކެއްގެ މައްޗަށް ކަމަށް ވާއިރު ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް އުފެދެން ފަށަނީ މި ސެލް ފަށަލަތަކުންނެވެ. ފިރިހެނާގެ ދަރިފަނި [Sperm] އަންހެނާގެ ބިހުގައި މުޑުވަށް ވުމަށް ފަހު 5-7 ދުވަހުގެ ތެރޭގައި ބިސް ހަރުލަނީ ރަހިމުގެ އެތެރެ ކައިރިފަށުގައެވެ. މިގޮތަށް ހަރުލާ ހަރުލުމަށް ކިޔަނީ އިމްޕްލާންޓޭޝަން [Implantation] އެވެ. އާންމު ގޮތެއްގައި ރަހިމުގެ ފަހަތު ފާރު [Posterior wall] ގެ މަތީބައި، ފަންޑަސް [Fundus] ގެ ކައިރީގައި ހަރުލާ މި ބިސް މުޑުވަށް ވެ ބިސް މަޑުމަޑުން ބޮޑުވާ އިރު ރަހިމުގައި އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ އެމްބްރިއޯ [Embry] އެވެ.
ސައިންސްގެ މި އާ ހޯދުން މެޑިކަލް ޖާނަލް ތަކުގައި އަދި ޝާއިއު ކޮށްފައި ނުވާ އިރު، އުފެދޭ ގާނޫނީ އަދި އަހުލާގީ ހަމަތަކާ ބެހޭ ސުވާލުތަކުގެ ޖަވާބެއް އަދި ނެތެވެ. ގިނަ ގައުމުތަކުގައި މި ބާވަތުގެ އެމްބްރިއޯ އުފެއްދުމާ ބެހޭ ގާނޫނީ އޮނިގަނޑެއްވެސް އަދި ނެތެވެ.
ރާއްޖޭގައި ވެސް ދާދި ފަހުން ފެށި އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަދަ ހިދުމަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކުގައި ގާނޫނީ އަދި އުސޫލީ ފަރުވާތައް [ގާނޫނު ތަކާއި އުސޫލުތައް] ހުއްޓަސް މި އާ އުފެއްދުމަށް އެފަދަ އޮނިގަނޑެއް ނެތުމަކީ ގޮންޖެހުމެއް ކަން ފާހަގަ ކުރައްވަމުން ފްރާންސިސް ކްރިކް އިންސްޓިއުޓުގެ އެސޯސިއޭޓް ރިސާޗް ޑައިރެކްޓަރު ވިދާޅުވެފައި ވަނީ އެފަދަ އުސޫލުތައް އަވަހަށް ތައާރަފު ކުރުން މުހިންމު ކަމަށެވެ.
އިންސާނުންގެ އެމްބްރިއޯ އާލާކުރަން ފެށުން
ޒެނިކާ ގޮއެޒް ރިސާޗް ގްރޫޕާއި އިޒްރޭލުގެ ވެއިޒްމެން އިންސްޓިޓިއުޓް ގުޅިގެން 2022 ގައި ކުރި ތަހުލީލު ތަކެއްގައި، ހިކަނދީގެ ސްޓެމް ސެލްތައް ބޭނުން ކޮށްގެން ވަނީ އެމްބްރިއޯ އާ އެއްގޮތް ސިފަތައް އުފައްދާފައެވެ. އަދި ސިކުނޑީގެ ވަރަށް ޅަފަތާއި ހިތެއްގެ ޅަފަތުގެ ފެށުމާ ގުޅޭ ސެލްތައްވެސް އުފެއްދިއެވެ. އަދި ގޮހޮރުން ގޮސް ފުރަގަސްފަރާތާ ގުޅޭ ހޮޅީގެ ބައިތައް ވެސް އުފެއްދިއެވެ. އެއީ އެހެން ނަމަވެސް ޖަނަވާރެއްގެ ބައިތަކެވެ.
އެ ޓީމުން އޭރުން ސުރެ ކުރި މަސައްކަތް އިންސާނުންގެ އެމްބްރިއޯ އާ ހަމައަށް މިއަދު ތަރައްގީ ކޮށްފައި ވާ އިރު ޓީމުން ބުނީ، ގުދުރަތީ ނިޒާމުގައި އެމްރިއޯއެއް އުފެދުމަށް ނަގާ މުއްދަތުގެ ތެރެއިން އެމީހުންނަށް އަދި ހާސިލު ކުރެވުނީ މަސްނޫއީ އުފެއްދުމުގެ 14 ދުވަހުގެ މުއްދަތެއް ކަމަށެވެ.
ޔުނިވާސިޓީ އޮފް މެންޗެސްޓާގެ ސީނިއާ ރިސާޗް ފެލޯ ރޮޖާ ސްޓާމެ ވިދާޅުވީ، އަދި މިއީ ވަރަށް ކުރީކޮޅު ކަމަށާއި، ގުދުރަތީ ނިޒާމުގެ އެމްބްރިއޯ އަކާއި މަސްނޫނީ އެމްބްރިއޯ އެއް އަޅާ ކިޔާ ބަލަން އަދި ލައްކަ ދުވަސް ބޭނުންވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާ ހޯދުމަކީ އުއްމީދީ މަސައްކަތެއް ކަމަށާއި، އިތުރު ތަހުލީލުތައް ކުރަން ޖެހޭ އިރު، އިންސާނުންގެ އެމްބްރިއޯ ބޭނުން ނުކޮށް މަސްނޫއީ އެއްޗެއްގެ އެހީގައި ތަހުލީލުތައް ކުރަން ފަސޭހަވާނެ ކަމަށެެވެ. އަދި ޒެނިކާގެ ޓީމުގެ ހޯދުން ސައިންސް ކޮމިއުނިޓީ މުޅިން ބަލައިގެންފައި ނުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.