އުރީދޫ މޯލްޑިވްސް ގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖުމްލަ 160،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް މި އަހަރު ރާއްޖޭގެ 4 ސިޓީގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، މިއަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މަސްދޯންޏެއްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫއިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އުރީދޫ މަސްރޭސް 2023 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީއަށްވެސް މި މުބާރާތް މިވަނީ ފުޅާކުރެވިފައި.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ / ފޮޓޯ: އުރީދޫ

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ޕާޓްނަރަކަށް ވުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމާޒަކީ، އަޅުގަނޑުމެންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވާ، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަން / ފޮޓޯ: އުރީދޫ

ރާއްޖޭގެ ސިޓީގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ، އަދި މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެއް ކަމަށާއި ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެންބަރުން ތިބެންވާނެ ކަމަށެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ދުވަސްތައް:

  • މާލެ ސިޓީ: އޮގަސްޓް 4، 2023
  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11، 2023
  • އައްޑޫ ސިޓީ: އޮގަސްޓް 18، 2023
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25 2023

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާ ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށާއި 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.

ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ

އުރީދޫން ވަނީ އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް މަރުހަބާ ކިޔާފައެވެ.