ސްޓެލްކޯގެ ފަރާތުން އއ. ރަސްދޫގައި 100 ޓަނުގެ އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައިފިއެވެ.

ސްޓެލްކޯއިން ބުނީ 100 ޓަނުގެ އާރުއޯ ޕްލާންޓު ބެހެއްޓީ ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ކަމަށެވެ.

އެ ޕްލާންޓާއެކު ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެ ޕްލާންޓަކީ އެ ކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އެ މަސައްކަތުގައި އުޅުއްވި އެ ކުންފުނީގެ ވޯޓާ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައެވެ. އަދި އެ ކުންފުނިން އަލަށް އެފަދަ ކަމެއް ކޮށް އެ ހޯއްދެވި ކާމިޔާބީއަށް އެމްޑީވަނީ އެ މުވައްޒަފުންނަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.

ސްޓެލްކޯއިން ބުނީ ރަސްދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފައި ވަނީ މި އޮކްޓޯބަރު 20 ،2021 ގައެވެ. އޭރުވެސް ރަސްދޫގައި ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށް ދެމުން ދިޔައީ ސްޓެލްކޯއިންނެވެ.

ރަސްދޫގެ ޔުޓިލިޓީގެ މުހިއްމު ތިން ހިދުމަތް ކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެމުން ދާއިރު، އަމާޒަކީ ރަސްދޫގެ ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.