މ. ފާގަތިގޭގެ އެޕާޓްމަންޓުތައް ކުއްޔަށް ދިނުމުގެ ނަމުގައި ގިނަ ބަޔަކަށް އޮޅުވާލައި، މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމުގެ ތުހުމަތު ކުރި އިބްރާހިމް ހުނައިން އަހްމަދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ހުނައިންގެ މައްޗަށް ދައުވާ ކުރީ ފާގަތިގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް މީހަކަށް 2018 ވަނަ އަހަރުން ފެށިގެން 19 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވުން ހެދުމަށް ފަހު އެނގިހުރެ، ހަމަ އެ އެޕާޓްމަންޓް އެހެން މީހަކަށް ފަސް އަހަރަށް ކުއްޔަށް ދީ އެ މީހާގެ އަތުން 27 މަސް ދުވަހުގެ ކުލި ނެގުމަށް ފަހު އެޕާޓްމަންޓް ހަވާލު ނުކުރި މައްސަލައާ ގުޅިގެންނެވެ.

27 މަސްދުވަހުގެ ކުލީގެ ގޮތުގައި ހުނެއިން ޖުމްލަ 364،500 ރުފިޔާ ވަނީ ކުއްޔަށް ދިން ފަރާތުގެ އަތުން ނަގާފައެވެ. އެޕާޓްމެންޓް ކުލީގެ ގޮތުގައި ލިބުނު 364،500 ރުފިޔާއާ ހަވާލުވި ކަމަށް ހުނައިން ވަނީ ޝަރީއަތުގައި އެއްބަސް ވެފައެވެ. ނަމަވެސް މަކަރާއި ހީލަތުގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެޕާޓްމަންޓް ހަވާލު ނުކުރެވުނީ ކުރިން ކުއްޔަށް ނެގި މީހާ އެތަން ހަވާލު ނުކުރާތީ ކަމަށްވެސް ހުުނައިން ބުންޏެވެ.

އެޕާޓްމަންޓް ހަވާލުކުރަން ހުނައިން އެންގި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ބުނެ، އެންމެ ފުރަތަމަ އެތަން ކުއްޔަށް ނެގި މީހާ ވަނީ ބަޔާން ދީފަ އެވެ. އެއާއެކު ޝަރީއަތުން ނިންމީ ހުނައިން ދައުވާއަށް އިންކާރުކުރީ ކަމަށެވެ. އަދި ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ހުނައިންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.

ބޯހިޔާވަހިކަން ފަދަ އަސާސީ ބޭނުމެއް ފުއްދުމުގެ ގޮތުން ހޯދާ ފައިސާ ނިގުޅައިގަނެ، އެއްބަސްވުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދެވޭ ބޮޑު ގެއްލުމެއް ކަމަށާއި އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމަންޓް ލިބޭނެ ދުވަހެއް ނޭނގި، އަދި ދުވަހަކު ވެސް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތި، އެ މީހެއްގެ އަތުން ގެއްލިގެންދަނީ، އުމުރު ދުވަހު ކުރި މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ހުކުމުގައި ބުނެފައިވެއެވެ.

އެކަމަށް ރިއާޔަތްކޮށް އަދަބުގެ އަސާސީ މިންވަރަށްވުރެ ހަތަރު ދަރަޖައިގެ މިންވަރެއް އިތުރުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ހުކުމް ކޮށްފައެވެ. އެ މުއްދަތުން ހުނައިން ބަންދުގައި ހުރި 10 ދުވަސް ވަނީ އުނިކޮށްފައެވެ. ހުނައިން ޖަލު އަދަބު ލުއި ކޮށްދިނުމަށް ޝަރީއަތުގައި އެދުނު ނަމަވެސް އޭނާ ނެގި ފައިސާގެ އެއްވެސް މިންވަރެއް އަދާ ހަމައަށް ދައްކާފައި ނުވާ ކަމަށް ބުނެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ނުކުރަން ގާޒީ ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ހުނައިން ނެގި 364،500ރ. އޭގެ ވެރިފަރާތަށް ރައްދުކުރުމުގެ ގޮތުން ހަ މަސް ދުވަހުގެ ތެރޭ ކޮންމެ މަހަކު މަދުވެގެން 60،750 ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް ހުނައިންގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުނައިންގެ މަންމަ ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް ހެކިބަސް ދޭންޖެހެނީ ދަރިފުޅާ ދެކޮޅަށް ކަމަށްވާތީ އެކަމަށް އުޒުރުވެރިވެ މަންމަގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވުމުން ޝަރީއަތުން ނިންމީ އެހެން ހެކިތަކުން، މަންމަގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ވެސް ސާބިތުކުރެވޭތީ އާއި ދައުލަތުގެ ވެސް އިއުތިރާޒެއް ނެތުމުން އޭނާގެ ހެކިބަސް ނުނެގުމަށެވެ.

ގޭގެ ރަޖިސްޓްރީ ކޮށްފައި ވަނީ ހުނައިންގެ މަންމަގެ ނަންމަތީގައި ނަމަވެސް ހުނައިން މި ހުރިހާ ކަމެއް ކޮށްފައި ވަނީ މަންމައަށް އޮޅުވާލައިގެންނެވެ. ހުނައިންގެ މަންމަ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދިނުމުގެ ހުރިހާ މުއާމަލާތެއް ވެސް ކުރަނީ ހުނައިން ކަމަށެވެ.