ވެރިރަށް މާލެ އާއި ވިލިމާލޭގައި ޒަމާނީ ފެންވަރަކަށް ގާއިމް ކުރަމުން ދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ އޮޕަރޭޝަންގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްތައް ރާއްޖެ ގެނެސްފިއެވެ.
އީ ޒަމާނުއްސުރެ މާލޭ އަދި ވިލިމާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރު ކޮށްފައިވާ 'ގްރޭޓާ މާލޭ ވެސްޓް ކަލެކްޝަން ސްޓްރެޓަޖީ' ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ، އެކަމަށް ހާއްސަ މެޝިނަރީ އަދި އިކުއިޕްމަންޓް ތަކެކެވެ.
އިކުއިޕްމަންޓްގެ އިތުރުން މަރާމާތަށް ބޭނުންވާ 2 އަހަރު ދުވަހުގެ ސްޕެއާ ޕާޓްސް ވެސް ވަނީ ރާއްޖެ ގެނެސްފައެވެ. އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ފަރުމާ ކޮށްފައި ވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާފައި، ހުންނަ ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށެވެ. އެގޮތުން މާލެ އަދި ވިލިމާލޭގައި ޤާއިމް ކުރަމުންދާ ޓްރާންސްފާ ސްޓޭޝަންގައި ބޭނުން ކުރުމަށްޓަކައި މުޅިން އާ ކޮންޓޭނަރު ތަކާއި، އެ ކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާމް ރޯލް ޓްރަކް' ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ޙާއްސަ 'ރޯލް ޕެކާ' ތައް ވެސް ވަނީ އެތެރެ ކޮށްފައެވެ.
ކުނި މެނޭޖްކުރުމުގެ އެކި މަސައްކަތަށް ހާއްސަކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ މި އިކުއިޕްމަންޓާއި ވެހިކަލް ތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، ގެނައި ތަކެއްޗެވެ. މި ތަކެރި ހޯދާފައި ވަނީ ޗައިނާ އާއި ޖަރުމަނުގެ ސަޕްލަޔަރުން މެދުވެރިކޮށެވެ.
އަދި މިތަކެތި އިންސްޓޯލް ކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިން (ސީއެސްސީއީސީ) އާއެވެ.
މީގެ އިތުރުންވެސް ވެމްކޯއިން ފުރަމާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ކުނި އުކާލުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނައި 5 ވަނަ އިސްލާހާ އެއްގޮތަށް ކުނި ވަކިކޮށްގެން އުކާލުމަށް މި އިކުއިޕްމަންޓް ތަކުގެ ޒަރިއްޔާއިން އެހީތެރިވެދޭނެ ކަމަށް ބުނެއެވެ.
މާލެއާއި ވިލިމާލޭގައި ގާއިމް ކުރަމުންދާ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ފެށި ތަނެކެވެ. 14 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ތިންވަނަ ކުއާޓާގައެވެ.