ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން އޮޑިއެޕް އާއި އުރީދޫގެ ޑިޖިޓަލް ޕޭމްންޓް ހިދުމަތް އެމް-ފައިސާ ގުޅިގެން، ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެ ތާކުން، ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކް ކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާ ގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓާ ކުރެވޭ އެޕެކެވެ.
އުރީދޫއިން ބުނީ އޮޑިއެޕް އާއި އެމް-ފައިސާއާއެކު ވެވުނު ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އެމް-ފައިސާގެ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާއެކު އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކޭނެ ކަމަށެވެ.
އޮޑިއެޕްގެ ކޯ ފައުންޑާ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސިޔާހް ހަލީލް ވިދާޅުވީ އޮޑިއެޕްގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑްބޯޓް ޓްރާންސްފާ ބުކިން ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އޮޑިއެޕްއިން ޔަގީން ކުރާ ބުކިންތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އޮޑިއެޕްގެ އަމާޒަށާއި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ސިޔާހް ފާހަގަކުރެއްވިއެވެ. އަދި އެ ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޑިޖިޓަލައިޒޭޝަންގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސިޔާހް ވިދާޅުވިއެވެ.
އުރީދޫ އެމް-ފައިސާ އަކީ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ކެފޭއާއި ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހައް އޯޑަރުކޮށް ފައިސާ ދެއްކެއެވެ. މީގެ އިތުރުން ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް އެމް-ފައިސާ އިން ވަނީ ފަހިކޮށްދީފައެވެ.
އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑްކޮށް ފަސޭހަކަމާއެކު ރެޖިސްޓާ ކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.