މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަމާޒަކީ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީއިން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް އެ ޕާޓީ ތެރޭގައި ބޭއްވި ވާދަވެރި އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން އަންނަނީ މިހާރުވެސް ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕައިންކުރަމުންނެވެ. މި ދަތުރުތަކުގައި ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމުގެ މަސައްކަތްވެސް ކެމްޕެއިން ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީން ބުނީ އަޟްހާ އީދަށް ފަހު ރައީސް ސޯލިހް ވެސް އެ ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާ ރައީސްގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ އަޟްހާ އީދު ބަންދަށްފަހު ރައީސް ސޯލިހްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށާ އެހެންނަމަވެސް މި ހަރަކާތް ކުރިއަށް ގެންދާނެ ރަށެއް އަދި ފައިނަލްކޮށްފައި ނުވާކަމަށެވެ. ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލި މެނިފެސްޓޯގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާއިރު އެމްޑީޕީން ބުނީ މި މެނިފެސްޓޯގައި އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ހިޔާލުތަކަށްވެސް ރިއާޔަތްކުރާނެކަމަށެވެ.
މޮޔަވާން ޖެހޭނީ ހަމަ ފެއިލް ކުރާނީ #އިންޑިއައައުޓު