ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުތަކުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ދެ ބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަން އަންގަވާފައިވާތީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކަމަށް އިއުލާނު ކުރައްވައި ފައެވެ.

އަފީފް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ނިއުޝާ ދެންނެވި ވަގުތު، މެންބަރުން ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.

ރިޔާސަތާ ހަވާލުވެވަޑައި ގަތުމަށް ފަހު، އަފީފް ޖަލްސާ ފައްޓަވައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ވަނީ ކުއްލި މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވިތާ މާ ގިނައިރުތަކެއް ނުވެ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ އެއް ނަންގަވައިފައެވެ. އެހެންކަމުން ޝަރީފްގެ މައްސަލަ މަޑުޖައްސަވާލައްވައި، އަފީފް އާޒިމަށް ފުރުސަތު ދެއްވިއެވެ.

ނިޒާމީ ނުކުތާ ނަންގަވައި މައްސަލަ ހުށަހަޅުއްވަން އާޒިމް ފެއްޓެވި އިރު، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގެންދެވީ އިިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އެންމެ ފަހުން ބޭއްވި އަޑުއެހުން ދިގުލައިގެން ގޮސްފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރިޔާސަތުގެ މޭޒު ކުރިމަތީގައި އަޑުގަދަ ކުރައްވަމުންނެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވައިދު ތަފްސީލުކުރައްވައި، ނިޒާމީ މައްސަލަ ދިގުލައިގެން ދާން ފެށުމުން، މައްސަލަ އަވަސްކުރުމަށް އަފީފް ވަނީ އެދިވަޑައިގެންފައެވެ. އާޒިމް ނިޒާމީ މައްސަލައެއް ހުށަހަޅުއްވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން އޮތް މައްސަލައަށް ކަމުގައި ވާތީ، އަފީފް އާޒިމްގެ އަރިހުން އެދިވަޑައިގެންނެވީ ނިޒާމީ މައްސަލަ ފަހުން ހުށަހެޅުއްވުމަށެވެ.

އޭގެ ފަހުން އަފީފް މަސައްކަތްކުރެއްވީ އާދަމް ޝަރީފަށް ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމަށެވެ. މައްސަލަ ހުށަހެޅުއްވުމަށް ޝަރީފް މަސައްކަތްކުރެއްވި ވަގުތު، އާޒިމް ޝަރީފްގެ ގޮނޑިކޮޅަށް ވަޑައިގެން ގެންދެވީ ނިޒާމީ މައްސަލަ ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަފީފް ވަނީ އާޒިމް އަނބުރާ ގޮނޑިކޮޅަށް ވަޑައިގަތުމަށާއި، މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ޖަލްސާ އަށް 15 މިނެޓު ވެގެން ދިޔައިރު ވެސް، އާޒިމް ނިޒާމީ މައްސަލަ ސާފުނުކުރައްވާ ކަން ފާހަގަކުރެވެއެވެ. މައްސަލަ ހުށަނޭޅުއްވުނު އިރު، އާޒިމްގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ގެންދެވީ އަޑުގަދަކުރައްވައި ތަޅުމުގައި ޒުވާބު ކުރައްވަމުންނެވެ. ބައެއް މެންބަރުން ގެންދެވީ "ޗޯރޭ" ގޮވައި، މަޖިލީހުގައި އަޑުގަދަކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުދިއުމުން ނިޒާމީ ނުކުތާ އެއް ނެންގެވުމަށް ފަހު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ހިޔާލު ތަފާތުވުންތަކާ ދެމެދު މަޝްވަރާކުރެވުމުން ކަމަށެވެ.

އާމިރު ނެންގެވި ނިޒާމީ ނުކުތާ ބަލައިގަތުމަށް ފަހު، އަފީފް ނިންމެވީ ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާ މެދު މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު، ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.