ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖައާ ކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފް ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީއަށް ބަދަލު ގެންނަން ރައީސް ސޯލިހް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްއިން ހުށަހެޅި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދޭން ފަށާފައި ވަނީ މީގެ 12 އަހަރުކުރިން ކަމަށް ވާއިރު މިއީ އެހީ ދޭން ފެށި ފަހުން މި އެހީ މުރާޖައާ ކުރެވޭ ފުރަތަމަ ފަހަރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީއާ ގުޅޭގޮތުން ނިންމި ނިންމުމާ ގުޅޭ ތަފްސީލުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައްޑޫ ސިޓީއަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅުގައި، އިސްރަށްވެހިންނަށް ދެމުން އަންނަ އެލަވަންސް ވެސް ބޮޑުކުރުމަށް ނިންމާފައި ވާކަން އިއުލާން ކުރައްވާ އެކަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.