ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ފުވައްމުލަކު ސިޓީގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ދުވާފައިދިޔަ ސައިކަލެއް މަގުމަތިން ހުރަސްކުރި ބުޅަލެއްގެ ގައިގާ ޖެހި، އެ ބުޅަލުގެ މައްޗަށް އެރި ކަހާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ އަންހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ސައިކަލުގެ ފަހަތުގައި އިން އެ މީހާގެ 12 އަހަރުގެ ދަރިފުޅަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިހާރުވެސް އެ މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު "ދަ ޕްރެސް" އަށް ވިދާޅުވި އެ މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެ އަންހެން މީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ގާތްގަނޑަކަށް 9:15 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކަންފަތުން ލޭ އައިސް ބޮލަށް އަނިޔާތަކެއްވެފައިވާ ކަމަށް ލިރާރު ވިދާޅުވިއެވެ.

ލިރާރު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލަށް އެ މީހާއަށް ދޭން ޖެހޭ ފަރުވާތައް ދިނުމަށްފަހު އިތުރު ޓެސްޓުތައް ހެދުމަށް މިއަދު މެންދުރު މާލެ ފޮނުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މާލެއާއި އަތޮޅު ތެރޭގައި ހިނގާ އެކްސިޑެންޓްތަކުގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު މި ފަދަ ހާދިސާތަކުގައި ގިނަ ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.