ސިލްސިލާ ގޮތެއްގައި އިދިކޮޅުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހީމް ހައްޔަރުކޮށް ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި މައްސަލާގެ ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ މައްސަލައެއްގައި ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ނުހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި ހިލާފަށްކަމަށް ދިފާއުން ފާހަގަކޮށްފައިވީ ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ސީންއަށް ދިޔަ ދެ ފުލުހުންގެ ބަޔާކުން އެނގޭ ކަމަށެވެ. އަދި ގާނޫނީ އިންޒާރު ދެވުނުކަން އަންގާ ފޯމުގައި ނުހާ ސޮއިކުރަން އިންކާރުކޮށްފައިވާތީ ދެ ފުލުހުން އެ ފޯމުގައި ސޮއިކޮށްފައިވާކަން ފޯމުން އެނގޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ނުހާއަކީ ހައްޔަރުގެ ރިކޯޑުތައް ގިނަ ފަރާތެއް ކަމަށާއި މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް އެ އަމުރުގައި ފާހަގަކުރިއެވެ.

އެ ކުށަށް ނުހާ އިންކާރުކޮށްފައިވާއިރު ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ފުލުހުންގެ އަތުގައި ދަތްއަޅާފައިވާ ކަމަށެވެ.

ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯޓުން ބުނެފައިވެއެވެ.