މިއަހަރު ގިނައަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭތީ ފުރަން އެއާޕޯޓަށްދާ މީހުން އެ ކަމަށް ސަމާލުވެ ކުރިއާލައި ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ހައްޖުވެރިން ފުރުމަށްޓަކައި މިއަދުން ފެށިގެން މި މަހުގެ 19އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދިއުމަށް ހަމަޖެހިފައިވާތީ، އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށްދާނެކަން ޔަގީން ކުރުމަށްޓަކައި މި ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ހައްޖަށް ދިއުމަށްޓަކައި ފުރަންދާ މީހުންނަށް ފިޔަވައި އެކި ބޭނުންތަކުގައި އެއާޕޯޓުން ފުރަމުންދާ މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުން އެއީ އެކަށީގެންވާ ކަން ފާހަގަކޮށް ފުލުހުން ވަނީ ހައްޖުވެރިނާއި އެއާޕޯޓުން ފުރާ މީހުން ވަގުތު އޮއްވައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމް ދުރާލައި ނިންމުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި ދުވަސްތަކުގައި ދަތުރުކުރާ މީހުންނަށް ކުރިމަތިވެދާނެ އުނދަގޫތައް ކުޑަ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ފުލުހުންގެ އޮފިސަރުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ހައްޖުވެރިން ފުރުވުމަށްޓަކައި ވަޑައިގަންނަވާ ގާތްތިމާގެ މީހުންވެސް ފުލުހުންގެ އޮފިސަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 290 ހައްޖުވެރިން މިއަދު މެންދުރުފަހު 3:10 ގައި ފުރަން ހަމަޖެހިފައިވާއިރު ޖުމްލަ 6 ފްލައިޓަކުން ހައްޖުވެރިން ދަތުރު ކުރާނެއެވެ. އެ ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހެވެ.

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް 1000 ކޯޓާދީފައިވާއިރު މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.