މި އަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މިއަދު މެންދުރުފަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ބުނީ މިއަދު ފުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިން މިއަދު މެންދުރުފަހު 3:10 ގައި ފުރާނެ ކަމަށެވެ. އަދި މިއަދު ފުުރުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 290 ހައްޖުވެރިކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އަހަރު ހައްޖުވެރިން ފުރުމަށް ޖުމްލަ 6 ފްލައިޓެއްގައި ހަމަޖައްސާފައިވާއިރު ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:

  • 13 ޖޫން 2023- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 12:50
  • 15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 19:00
  • 16 ޖޫން 2023- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން – 15:10
  • 16 ޖޫން 2023- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 19:00
  • 19 ޖޫން 2023- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދިނުމާއި ހައްޖުވެރިއާއާއި އާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

ހައްޖަށްދާ މީހުންނަށް ހާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:

މާލެ، ބަސް ޕޮއިންޓްތައް:

  • ވެސްޓް ޕާކް
  • ސޯޝަލް ސެންޓަރ
  • 01 ނަންބަރު ފާލަން
  • ހެންވޭރު ފެރީ ޓާމިނަލް
  • ހައުސިންގ މިނިސްޓްރީ
  • ދަރުބާރުގެ
  • ޒިކުރާ މިސްކިތް
  • ގަލޮޅު ދަނޑު
  • ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)
  • އޯކިޑް / ފަރީދީ މަގު

ހުޅުމާލެ ފޭސް 1

  • ނިރޮޅު މަގު
  • ބަގީޗާ ހިނގުން

ހުޅުމާލެ ފޭސް 2

  • ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
  • ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2

ވިލިނގިލި

  • ފެރީ ޓަރމިނަލް

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް 1000 ކޯޓާދީފައިވާއިރު މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.