ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވުމާ އެކު، މަޖިލީސް ހުއްޓި ކުރިއަށް ދެވޭނެ މަގު ބަންދުވެގެން ހަމަ އަޅަނީ ގަސްދުގައެވެ.
މަޖިލީހުގައި މިއަދު ދިމާވެފައި ވާ ހާލަތަށް މަޖިލީހުގެ ގަވައިދުން ފަރުވާ ލިބެން އޮއްވާ މެ، ތަޅު އެޅިގެން ނުހުޅުވިގެން އުޅޭ ވާހަކަ ދައްކުމަކީ ފެންހިފާ ކަމެއް ކަމުގައި ނުފެނެއެވެ.
މަޖިލީހުގެ ގަވައިދުގެ 106 އާ ހަވާދާ ދީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާފައި ވާ ގޮތަށް އައި ބަދަލާއެކު އެ ކޮމިޓީތައް އަލުން އެކުލަވާ ނުލެވި އޮތުމަކީ ދައްކާ ހުއްޖަތެއް ނަމަވެސް، މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގައި ސާފު ބަހުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ، އެ ވަކިވި މެންބަރުގެ ޖާގަ އަށް އެހެން މެންބަރަކު އައްޔަން ކުރުމުގެ ބާރު އެ ޕާޓީއަކަށް ލިބިގެން ވާ ކަމަށެވެ. އެހެން އޮތް ހާލަތެއްގައި ގަވައިދުގެ 106 އާ ހަވާލާދީ ކޮމިޓީތަކުގެ ހަމަ [މެންބަރުން ބެހިގެން ވާ ގޮތް] ބަދަލު ވެގެން ކުރިއަށް ނުދެވޭންވީ ސަބަބެއް ނުވިސްނެއެވެ.
މަޖިލީހުގެ ގަވައިދުގެ 106 ވަނަ މާއްދާގައި އޮންނަނީ ދާއިމީ ކޮމިޓީ ތަކަކީ އަބަދުވެސް ދެމި އޮންނަ ކޮމިޓީތަކެއް ކަމަށާއި އެއީ ވަކި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައި އޮންނަ ކޮމިޓީތަކެއް ކަމަށެވެ. އެހެން ކަމުން މެންބަރަކު ވަކި ވުމުން ކޮމިޓީ ނުހިނގާންވީ ސަބަބެއް ނެތެވެ. ވަކިވި މެންބަރުގެ ބަދަލުގައި މެންބަރަކު އައްޔަން ކުރީމައި އެކަން ނިމުނީއެވެ.
މި ތާނގައި އާންމު ކޮމިޓީގެ ވާހަކަ ފާހަގަ ކުރަން ޖެހެނީ، މިހާރު ހުށަހެޅިފައި އޮތް ނައިބު ރައީސް އާއި ރައީސްގެ އިތުބާރުގެ މައްސަލައިގައި ބަހުސް ކުރާނެ ނުވަތަ ތަޅުމުގައި ވާހަކަ ދައްކާނެ މެންބަރުންނާއި ވަގުތު ކަނޑައެޅުމުގެ ބާރު އާންމު ކޮމިޓީއާ މަތިކޮށްފައި އޮތުމުންނާއި، އެ ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް ޕާޓީން ވަކިވެ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިބުމުން ކޮމިޓީގައި މެންބަރުން ތަމްސީލު ކުރާ ހަމައަށް ބަދަލު އައިސްފައި ވާތީއެވެ.
ނަމަވެސް މަތީގައި ބުނި 130 ވަނަ މާއްދާއިން ތަމްސިލު ކުރާ ހައިސިއްޔަތު ހަމަޖެއްސެން އޮތް ކަމެއްގައި އެކަން ނުކޮށް ތަޅުއެޅުވިގެން ތިބޭކަށް ނުޖެހޭތާއެވެ.
މެންބަރުން ދައްކާ ހުއްޖަތެއް ނެތް ހުއްޖަތް
ބައެއް މެންބަރުން ބުނަނީ، އީވާގެ މައްސަލަ ހުށަހެޅި އިރު އާންމު ކޮމިޓީގައި މެންބަރުން ތަމްސީލު ކުރާ ހައިސިއްޔަތު ބަދަލުވެފައި ވުމުން، ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ ހައިދިއްޔަތު ހަމަޖެއްސުން ކަމަށެވެ. އެކަން ނުކޮށް އިތުބާރުގެ މައްސަލަ ތަޅުމަށް ނުގެންދެވޭނޭ ކަމަށް ސަރުކާރާ އިދިކޮޅު މެންބަރުން ހުއްޖަތް ދައްކާ އިރު ސަރުކާރާ އެއްކޮޅު މެމްބަރުން ބުނަނީ، އެއީ މައްސަލައެއް ނޫން ކަމަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށް ގާނޫނީ ގޮތުން އޮންނަ 14 ދުވަހުގެ މުއްދަތުގައި އިތުބާރު ނެތް ކަމަށް ނަގަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ސަރުކާރާ އެއްކޮޅު މެންބަރުން، އެމްޑީޕީގެ މެންބަރުން ފާހަގަ ކުރާ ނުކުތާ އަކީ، ކޮމިޓީތައް އަލުން އެކުލަވާލިޔަސް އެމްޑީޕީ އަށް މެޖޯރިޓީ ގެއްލޭ ގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އަދި ކޮމިޓީ އެކުލަވާ ނުލިޔަސް އާންމު ކޮމިޓީ އަކީ ދެމި އޮތް ކޮމިޓީއަކަށް ވާ އިރު އިތުބާރުގެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ.
އަދި ވަކި ކުރުމުގެ ގަރާރު [އީވާ ވަކި ކުރުމުގެ ގަރާރު] މަޖިލީހަށް ހުށަހެޅިފައި ވުމުން، އެހެން އިތުރު އެއްވެސް ކަމެއް ކުރެެވޭނީ އެ ގަރާރަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.
މި ހިޔާލުތަފާތުވުމުގެ ތެރެއަށް މަޖިލީހުގެ އަމީންއާންމު ފާޔުމަތު ނިޔުޝާވެސް ވަނީ އިއްޔެ ރައުޔެއް ނެރުއްވާފައެވެ. އޭނާގެ ރައުޔަކީ، ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭ ކަމަށާއި އެކަން ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން ނޫނީ ކުރިއަށް ދެވެން ނެތް ކަމަށެވެ.
އިއްޔެ އޭނާ އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ".... ކޮމެޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިގެންނުވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަަދަލުތައް މަޖިލީހުން ފާސް ކުރައްވައިގެން،" ކަމަށެވެ.
ނިޔުޝާ ވިދާޅުވާ ގޮތުން، ގަރާރުގެ ނޯޓިސް ވަކި ކުރެވޭ މެންބަރާއި އެހެން މެންބަރުންނަށް ފޮނުވާފައި ވުމަކީ، މަޖިލީހުގެ ތަޅުމަށް ގަރާރު އިއްވުން ކަމުގައި ނުވާތީ، އެ ގާރާރު އިއްވުމާ ހަމައަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ހުރަހެއް ނެތެވެ. އެއ އިޝާރާތް ކުރައްވަނީ އާންމު ކޮމިޓީ އެކުލެވިގެންވާ ގޮތް ކުރިއަށް ގެންދިޔުމުގައި ވެސް ހުރަހެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، ".... މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސް އަށް ފޮނުވާފައިވީ ނަމަވެސ،ް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައި ނުވާކަން ފާހަގަކުރަން،" މިހެންނެވެ.
ރައީސާއި ނައިބުގެ މައްސަލަ ތަޅުމަށް ގެނައުމުން ވަނީ ކިހިނެއް؟
މަޖިލީހުގެ ނަިއބު ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، ގާނޫނީ ހުރަހެއް ކުރިމަތިވެއްޖެ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެންބަރުން ދައްކަނީ ގަވައިދުގެ 205 ވަނަ މާއްދާއެވެ. އެ މާއްދާގައި އޮންނަ ގޮތުން، ނައިބު ރައީސް ވަކިކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ރައީސް ކަމަށް ބުނެފައި އޮވެއެވެ. ހަމައެގޮތަށް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގާ ޖަލްސާގެ ރިޔާސަތުގައި އިންނަން ޖެހޭނީ ނައިބުރައީސް ކަމަށް ބުނެފައި އޮވެއެވެ. އެ ދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި ވާ މިއީ މިފަދަ ފުރަތަމަ ހާލަތު ކަމުން، ދެން ކަން ކުރާން ވީ ގޮތެއް މުތުލަގަށް ބުނެފައެއް ނުވެއެވެ.
މި މައްސަލަގައި ސަރުކާރާ އެއްކޮޅު ބައެއް މެންބަރުން ދައްކަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާއެވެ. ނަމަވެސް އެ މާއްދާ އަކީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސަކާއި ނައިބަކު ކަނޑައެޅެން ދެން އެންމެ ދުވަސް ވީ މެންބަރަކު ރިޔާސަތު ބަލަހައްޓަން ޖެހޭ ކަމަށް ބުނާ ވާހަކައެކެވެ. އެއީ މިހާރު މި ދިމާވެފައި އޮތް ރައީސާއި ނައިބުގެ އިތުބާރުގެ މައްސަލައާ ގުޅުން ހުރި މާއްދާއެއް ނޫނެވެ.
ހަމަ މި މައުޟޫގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައިފި ނަމަ، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ކަމަކާ މެދު ބަހުސެއް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަށް ގޮތެއް ނިންމުމަށް ފަހު ކަމުގައި މަޖިލީހުގެ ގަވާއިދު ބުނެއެވެ.
ނަމަވެސް މިވަގުތަކީ، ރައީސް ވަކި ކުރުމުގެ ގަރާރު ތަޅުމާ ހަމައަށް ގޮސްފައި ވާ ވަގުތެއް ނޫނެވެ. އެެޖެންޑާ ކުރުމަށް ފަހު އެޖެންޑާއިން ނަގާފައި ވަނީ ނައިބުރައީސްގެ މައްސަލައެވެ. މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލަ އެޖެންޑާ ކޮށް 14 ދުވަސް ހަމަވާ ދުވަހަކީ މިއަދެވެ. ނަމަވެސް އެޖެންޑާއިން ނަގާފައި ވުމުން، މާދަމާ އެ މައްސަލައިގައި ގޮތެއް ނުނިންމޭނެއެވެ.
އަދި މިހާލަތުގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވުމުން، އެމަނިކުފާނު ވަނީ، ރިޔާސަތު ބެަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ތަޅުމަށް އިތުބާރުގެ މައްސަލަ ގެނައުމުން، ސިޔާސީ ހަގީގަތުގެ މަތިން ސާފުވާ އެއްކަމެއް އެބައޮތެވެ. އެއީ މިވަގުތު މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރުމަށް ބޭނުންވާ އަދަދަށް ވުރެ މަތިން ވޯޓު ހަމަވާ ކަމެކެވެ. އެމްޑީޕީ ތަމްސީލު ކުރާ ނުވަތަ ތާއީދު އޮތް 56 މެންބަރުން ތިބި އިރު، ރައީސާއި ނައިބު ބޭރުކޮށްލަން ބޭނުންވާ 44 ވޯޓު ފަސޭހައިން ލިބޭނެ ކަމެކެވެ.
ކޮމިޓީއެއް އޮތް ގޮތުން، ނުވަތަ މެންބަރުން ބެހިފައި ވާ ގޮތް ހުއްޖަތަކަށް ހަދަނީ، ރިޔާސީ އިންތިހާބު ބާއްވަން ކުޑަތަން ވެފައި ވުމާއި ސަރުކާރު ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެންބަރުންގެ ވިސްނުންވެސް ބަދަލުވެ، އެމްޑީޕީއަށް މެޖޯރިޓީ ގެއްލިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ފެނެއެވެ. އެހެން ކަމުން، މިވަގުތު، ތަޅު އެޅުވި، ތަޅު ނުނެއްޓިގެން އުޅޭ ކަމަށް ބުނެ މަޖިލީސް ހުއްޓުވާން އުޅެނީ ގަސްދުގައެވެ.
19 ވަރަށް ސަޅިކޮށް ފޭލިވެއްޖެ މި ރައީސަކަށް އެއްވެސް ކަމެއް ފުރިހަމައެއް ނުކުރެވޭނެ ފުރަތަމަ ވަޑާންގެ ނާކާމިޔާބު ފެމެލީ ޕްލޭން ނާކާމިޔާބު އެއްމެފުރަތަމަ މަޖްލިސް ނާކާާމިޔާބު މަގުމަތިން ހޯދިވެރިކަން ނާކާމިޔާބު ޖަލުން ނާކާމިޔާބު 19 ނާކާމިޔާބު ޕާޓީ ނާކާމިޔާބު ނާކާމިޔާބު ޕާޓީ މީނަ ހަދަން ޖެހޭނީ ކޮބާ 39000 މެންބަރުން އިބޫއަކާ ނުކުޅެވޭނެ