އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފިއެވެ.
ގާސިމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައި ވަނީ އަލިމަސް ކާނިވާ ގައި އެ ޕާޓީން މިރޭ ބޭއްވި ޖަލްސާގައެވެ. ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ އިތުރުން، އޭނާގެ ކެމްޕެއިން ލޯންޗުކޮށް، ކެމްޕެއިންގެ ޝިއާރު މިރޭގެ ޖަލްސާގައި ވަނީ އިއުލާނު ކޮށްފައެވެ.
ރިޔާސީ ޓިކެޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީން ގާސިމަށް ޓިކެޓުގެ ގޮތުގައި އަރުވާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ޓިކެޓުގެ ސިފައިގައިވާ ފަތްކޮޅެކެވެ.
ގާސިމްގެ ކެމްޕެއިންގެ ޝިއާރަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" އެވެ. އަދި ކެމްޕެއިންގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވީ ހަމައެކަނި ގާސިމެވެ. އެ ޕާޓީގެ ކައުންސިލުން މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށް، އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ގާސިމް ވާދަކުރައްވާނެ ކަމަށް ވަނީ ނިންމަވައިފައެވެ.
އެހެންކަމުން، ގާސިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްއެންޕީން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި އެމްޑީޕީން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މި ބޭފުޅުންގެ ތެރެއިން ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް އޮތީ ހަނި ފުރުސަތެކެވެ.
މި ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.