ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމައުގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުވެގެންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތައާރަފްކުރި އެވޯޑްދިނުމަށް ރޭ ސޯސަލް ސެންޓާ އިންޑޯ ހޯލްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ހުރި އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްއިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ވަރަށް ބޭނުންތެރިކަމެއް ކަމެއް ކަމުގައެވެ. އަދި ދިވެހި މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިޖުތިމާއީ މައްސަލަތަކުގެ ބާވަތާއި މިންވަރަށް ދެނެގަނެ އެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް، މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެ މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވާއިރު އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިޖުތިމާއީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރުމަށް އިސްކަމެއް ދިނުމަށް ރައީސް ވަނީ ޖަމިއްޔާތަކަށް ގޮވާލައްވާފައެވެ. އެގޮތުން އިޖުތިމާއީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ހާއްސަގޮތެއްގައި ޖަމުއިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރޭ ބޭއްވި ހަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް ރައީސް ސޯލިހް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި އެ ހަފުލާގައި "މީސް ޕޯޓަލް" ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހް ކޮށްދެއްވިއިރު އެންޖީއޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.
ރާއްޖޭގައި އަލަށް ތައާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަގްސަދުތަކަކީ އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްއިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމުގެ އިތުރުން ދަރުމަވެރި ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ހިދުމަތްތަކެއް ދޭ ޖަމްއިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުމެވެ.