މިދިޔަ ހޯމަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން އަތުލައިގެން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހުރި ފޮއްޓަކީ ރައްޓެއްސަކު ހަވާލުކުރި ފޮށްޓެއް ކަމަށް އޭނާ ބުނެފިއެވެ.
އެތަކެތި އަތުލައިގެން ދުވަހު ކަސްޓަމްސްއިން ބުނީ އެތަކެތި ފެނިފައިވަނީ ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާމެދު ޝައްކު ކުރެވިގެން އޭނާއާ ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސްއިން ވަނީ އެ ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 25 އަހަރާއި 30 އަހަރުގެ ފާކިސްތާނު ދެ ފިރިހެނެކެވެ. އެގޮތުން 25 އަހަރުގެ ހަމްޒާ ނައީމްގެ ބަންދަށް ފުރަތަމަ ޖަހާފައިވަނީ އެއް ދުވަހެވެ. އެ ދުވަހުގެ ކޯޓު އަމުރުގައި ބުނެފައިވަނީ އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި ތަަރުޖަމާނު ތަރުޖަމާކޮށްދިނުމުގައި ތުހުމަތުކުރެވޭ ފަރާތަށް ސާފުނުވާކަމަށް ފާހަގަކޮށްފައިވާތީ އެހެން ތަރުޖަމާނެއް ހަމަޖެއްސުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެއާޕޯޓުގައި ތިބި ކަސްޓަމްސް އޮފިސަރުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ ހަމްޒާއާ އެ ވަގުތު ސުވާލުކުރުމުން އެ ފޮއްޓަކީ ރައްޓެއްސަކު ހަވާލުކުރި ފޮށްޓެއް ކަމަށް ބުނެފައިވާ ކަމަށެވެ.
އިއްޔެ ހަމްޒާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ކޯޓު އަމުރުގައި އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ބުނެފައިވަނީ ބުކިން ހަދާފައިވަނީ އެހެން ފަރާތެއްގެ ނަމުގައި ކަމަށާއި ހަމްޒާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރާ ކަމަށެވެ. އަދި ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު މަސްތުވާތަކެތި ފެނިފައިވަނީ ހަމްޒާގެ ގެނައި ލަގެޖުން ކަމަށާއި އެ މައްސަލާގެ އަމަލު ހިންގުމުގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރި 30 އަހަރުގެ އަހުމަދު އަޔާޒު ރާޖާގެ ބަންދަށް ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އަޔާޒާއި ހަމްޒާ އަމަލުތައް ހުރިގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ތުހުމަތުކުރެވުނުކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށާއި އަޔާޒު ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އަމިއްލައަށް ވަކީލެއް އައްޔަންކުރުމުގެ މާލީ ގާބިލުކަން ނެތްކަމަށާއި ދައުލަތުގެ ވަކީލެއް އައްޔަންކޮށްދިނުމަށް އަޔާޒު ޝަރީއަތުގެ މަޖިލީހުގައި އެދިފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންއަންނައިރު މީގެ ކުރިން ވެސް އެތައް ފަހަރަކު ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.