މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ލަންކާގައި ކުރި ވަރުގަދަ މުޒާހަރާގައި ހައްޔަރު ކުރި އެކްޓިވިސްޓުން ދޫކޮށްލަން ގޮވާލައި މިއަދު ކޮލަމްބޯގައި ދަރިވަރުން ކުރި މުޒާހަރާ ހުއްޓުވަން ފެނާއި ކަރުނަގޭސް ޖަހައިފިއެވެ.
އެތައް ސަތޭކަ ދަރިވަރުންނެއް މިއަދު މުޒާހަރާ އަށް ނިކުތް އިރު ފުލުހުން ދިޔައީ ކޮލަމްބޯގެ އެކި ހިސާބުތައް ބަންދުކޮށް ފޯރި މަރަމުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެހުމުން ކަރުނަ ގޭހާއި ފެން ބަޑި ޖަހަން ޖެހުނު ކަމަށް އޮފިޝަލުން ބުނެއެވެ.
22 މިލިއަން މީހުން ދިރިއުޅޭ ލަންކާގައި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކުގައި އޭރު އޮތް ގޯޓާބޭ ރާޖަޕަކްސެ ގެ ސަރުކާރު އިސްތިއުފާ ދޭން މަޖުބޫރު ކުރިއެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވެސް ވެއެވެ. އޭގެ ތެރޭގައި ޔުނިވާސިޓީތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.
މިއަދު މުޒާހަރާއަށް ނިކުތް ބައެއް ދަރިވަރުން ބުނީ، ސަރުކާރުގެ ފަރާތުން އެހެން އަޅާ ފިޔަވަޅަކުން އެމީހުން ނުހުއްޓުވޭނެ ކަމަށާއި އަޑުވެސް ކަނޑާނުލެވޭނެ ކަމަށެވެ. އަދި ސަރުކާރުން އުޅެނީ ޔުނިވާސިޓީ މޫވްމަންޓަކީ ސަރުކާރާ ދެކޮޅު ހަރަކާތެއް ކަމަށް ބަލައި ޖިނާއީ ދައުވާ ކުރަން ކަމަށާއި މިއަދުގެ މުޒާހަރާގެ ޑިމާންޑަކީ މިދިޔަ އަހަރު ހައްޔަރު ކުރި ދަރިވަރުންނާއި އެކްޓިވިސްޓުން ދޫކޮށްލުން ކަމަށެވެ.
ހައްޔަރު ކޮށްފައި ތިބި ދަރިވަރުންނަށް ކަފާލާތުގެ ފުރުސަތުވެސް ނުދޭ ކަމަށާއި އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުތަކުގެ ދަށުން ދައުވާ ކޮށްފާނެތީ ކަންބޮޑުވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތައް ކަމަށް ވާ އެމްނެސްޓީ އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތަކުން ވެސް ވަނީ ބުނެފައެވެ.