އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް އަމިއްލައަށް ކަނޑާލެވޭ "ކިލް ސްވިޗް" ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ތައާރަފްކުރި މި ފީޗާއަކީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެކެވެ.

ބީއެމްއެލްއިން ބުނީ "ކިލް ސްވިޗް" ބޭނުންކޮށްގެން އެކްޓިވްކޮށް ހުންނަ އިންޓާނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ ކަމަށެވެ. މި ފީޗާ އަކީ އިންޓާނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަންއަކަށްވާއިރު ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި މި ފީޗާއިން ފްރީޒްކޮށްފައިވާ ކާޑު އަމިއްލައަށް އެކްޓިވް ވެސް ކުރެވޭނެއެވެ.

ކިލް ސްވިޗް އެކްޓިވޭޓް ކުރާނެ ގޮތް

1. ބޭންކްގެ ވެބްސައިޓްއިން އިންޓާނެޓް ބޭންކިން ލޮގިން ޕޭޖަށް ވަދެލާ

2. "ކިލް ސްވިޗް" އަށް ފިތާލާ

3. އައިޑީ ކާޑު ނަންބަރު ޖަހާލާ

4. ކޮންފާމް ކުރުމަށް އޯޓީޕީ ޖަހާލާ

ކިލް ސްވިޗް އެނޭބަލް ވުމުން ސްކްރީން އަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ މި ފީޗާ އަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފްކުރި ފީޗާ އެއް ކަމަށެވެ. އަދި ސްކޭމެއް ހިނގައިފިކަމަށް ކަސްޓަމަރަށް ފާހަގަވުމުން، ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓާނެޓް ބޭންކިން ފްރީޒް ކުރެވޭނެ ކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ ކިލް ސްވިޗް ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓާނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓާ ގުޅައިގެން އަށް ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ހާޒިރުވުމަށްފަހު ބޭންކުން ހިންގާ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ.

ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ބީއެމްއެލްއިން އަޅާފައިވާ ފިޔަވަޅުތައް:

  • މެއި މަހު އިންޓާނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓާ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކުރުން
  • މާޗު މަހު އިންޓާނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން ޓު ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރުން
  • މިދިޔަ އަހަރު އޮތަންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓާނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފެއްޓުން

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް ގާއިމްކޮށްފައިވެއެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ.