ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުވި ސިޓީފުޅު ދޫކުރާނީ ހަމައެކަނި 241 ކޮމިޓީއަށް ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ފޮނުވާފައިވަނީ ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.

އެ ސިޓީ ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން ވަނީ މިއަދު ރައީސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް އޮފީހުން ނިކުމެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ސިޓީގައި ވަނީ ކީކޭތޯ ބަލަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަމަށާއި އަދި އެ ހޯދަން މިއަދު ރައީސް އޮފީހަށް ދިޔައީ ދައުލަތުގައި އެ ސިޓީގެ ކޮޕީއެއް އޮންނާނެ ކަމަށް ބަލައިގެން ކަމަށެވެ. "ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރާއްޖޭގެ ރައީސް ކީއްތޯ މި ކުރެއްވީ، ސިޓީއެއް ނޭނގި ކީއްވެތޯ މި ފޮނުވީ،" އިތުރަށް ޝިޔާމް ވިދާޅުވިއެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީ އަށް ރިއާއަތްކޮށްގެން ކަމަށާއި އެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުގެ އިނގިލި ސަރުކާރަށް ދިއްކުރަމުންނެވެ. އަދި އެ ސިޓީ މަޖިލީހަށް ހިއްސާ ކުރުމަށްވެސް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ރައީސް ފޮނުއްވި ކަމަށް ބުނާ ސިޓީ ހޯދުމަށް ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ އިތުރުން ދަ ޑިމޮކްރަޓްސްގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުންވެސް ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.